ޚަބަރު

އިމިގްރޭޝަން އޮފިސަރުން އޮޕަރޭޝަންތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި


  • ކެމެރާ ފުރަތަމަ ބޭނުންކުރީ ހުޅުމާލޭގައި ގެންދިޔަ އޮޕަރޭޝަނެއްގައި

  • ބިދޭސީންގެ މައްސަލަ ޙައްލުކުރަން ގިނަ މަސައްކަތްތަކެއްކުރޭ

އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި، އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ބޮޑީ ވޯން ކެމެރާ ބޭނުންކުރާނީ ރެއިޑްތަކާއި އިމިގްރޭޝަންގެ އޮފިސަރުން ނިކުމެ ހިންގާ އޮޕަރޭޝަންތަކުގައިކަމަށެވެ.

ފުރަތަމަ ފަހަރަށް ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފަމިވަނީ، ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމަށް ހުޅުމާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ޤަވައިދާ ޚިލާފައި އުޅެމުންދިޔަ 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަންއިން ވިދާޅުވީ ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފަވަނީ، އިމިގްރޭޝަންގެ މަސައްކަތްތައް ވީހާވެސް ދެފުއްފެންނަ ހަރުދަނާ ނިޒާމެއްގެދަށުން ކުރިއަށްގެންދިއުމަށްކަމަށެވެ. މިއާއެކީގައި އިމިގްރޭޝަން އޮފިސަރުންގެ މަސައްކަތްތައް ހަރުދަނާވެ، އުސޫލުކާ އެއްގޮތަށް މަސައްކަތްތައް ގެންދާކަން ކަށަވަރުކުރެވިގެންދާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، އިމިގްރޭޝަނާ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ.

އެގޮތުން މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންދާއިރު، ގަވައިދާ ޚިލާފައި އުޅެމުންދިޔަ 6700އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައެވެ.

ގަވައިދާ ޚިލާފައި އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމުކޮށްފައިވާ "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމް މެދުވެރިކޮށް 1500 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތާއި ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި އޮޕަރޭޝަންގައި މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ބައޯމެޓްރިކްސް ވަނީ ނަގާފަވެއެވެ. މިއީ ހަރުދަނާ ނިޒާމެއްގެދަށުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޢަމާޒުގެދަށުން ފަށާފަވާ މަސައްކަތްކެވެ.