ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލާއި ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. އައްބާސް ޝަރީފް މިހެން ވިދާޅުވީ، މި ބިލް ރައީސް ތަސްދީޤުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ އެކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، މިބިލާއެކު ހަދަންޖެހޭ ޤަވާއިދުތަކުގެ ޑްރާފްޓްގެ މަސައްކަތް އެ އޮފީހުން މިހާރު ފައްޓަވައިގެން ކުރިއަށްދާކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ދޭންޖެހޭ ތަމްރީންތައް ދެމުންދާނެކަން އައްބާސް ފާހަގަކުރެއްވިއެވެ.
"ބިލް އަޅުގަނޑުމެން އަތައް ލިބުނީއްސުރެ ބިލަށް 3 މަސްތެރޭގައި ކުރަންޖެހޭ ކަންތައްތަކަށް ތައްޔާރުވަމުންނޭ މިހާރު މިދަނީ. އޮފީހުން ހަދަންޖެހޭ ޤަވާއިދުތަކުގެ ޑްރާފްޓްގެ މަސައްކަތް ފެށިއްޖެ. އަދި އެއާއި ބެހޭގޮތުން އަޅުގަނޑުމެން އޮފީހުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތަކުގެ ޕްރޮގްރާމްތައްވެސް މިހާރު ފެށިއްޖެ. މި ތަމްރީންތަކުގެ ތެރޭގައި ފުލުހުންނާއި އެކުގައިވެސް ޕްރޮގްރާމްތަކެއް ކުރިއަށްދާނެ." އައްބާސް ޝަރީފް ވިދާޅުވިއެވެ.
ޕީޖީ އައްބާސް ވިދާޅުވީ، ބިލާއި ބެހޭގޮތުން އާންމުންނަށް ބޭނުންވާ މައުލޫމާތު ދިނުމަށްޓަކައި ފޯރަމްތަކެއް ބޭއްވުމަށް ޕީޖީ އޮފީހުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މާގިނަ ދުވަހެއް ނުވެ ފޯރަމްތައް ބާއްވައި ބިލްގައި ހުރި ކަންކަމާއި ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ދެއްވާނެކަމަށްވެސް އައްވާސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތަށް މިކަމުގައި މަސައްކަތްކުރަނީ ބަޔަކު ކުށްވެރިކުރަން ނޫންކަމަށާއި ނަމަވެސް ޤާނޫނުގައި އޮތް ގޮތް ބުނެދީ ކުށްނުކުރާ ބަޔަކު ރާއްޖޭގައި އުފެއްދޭތޯ ކުރަމުންދާ މަސައްކަތެއްކަން އައްބާސް ވިދާޅުވިއެވެ. ޤާނޫނުގައި ހުރި ކަންކަމާއި ކުރީ ޤާނޫނާއި މިހާރުގެ ޤާނޫނާއި ހުރި ތަފާތުތަކާއި މިކަންކަން ޕަބްލިކަށް ބުނެދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން ކުރަމުންދާނެކަމަށް ޕީޖީ އައްބާސް ޝަރީފް ވިދާޅުވިއެވެ.