ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ވެލިދޫ ހިއްކާ ސަރަޙައްދަކީ، އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށް ޚާއްސަކޮށް ހިއްކަމުންދާ ސަރަޙައްދެކެވެ.
ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަން ހާމަކުރައްވާ އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިޔަށްދަނީ 208 ޖިއޯބޭގަށް ވެލި އަޅައި ފެހުމުގެ މަސައްކަތާއި، 37 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢަކީ، ވެލިދޫގެ އިޤްތިޞާދީ ހަރަކާތްތަކަށް ބޭނުންވާ އިންޑަސްޓްރިއަލް ޒޯން ތަރައްޤީ ކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަން ފާހަގަ ކުރައްވާ އެމްޓީސީސީން ވިދާޅުވީ، މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މާ ލަސްތަކެއްނުވެ މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެރަށު ހުޅަނގު ފަރާތުން 2.7 ހެކްޓަރުގެ ބިން ހިއްކުމާއި، 443 މީޓަރުގެ ޖިއޯ ބޭގުގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ކަނޑައަޅާފައެވެ.
ނ.ވެލިދުއަކީ، ސަފާރީއާއި ބޮޑެތި އުޅަނދުފަހަރު ބަނުމާއި އަދި ފައިބަރު މަސައްކަތް ކުރުމަށް ރާއްޖޭގައި މަޝްހޫރު ރަށެކެވެ. މީގެއިތުރުން ފަތުރުވެރި ކަމުގައިވެސް ކުރިއަރަމުން އަންނަ ރަށެކެވެ. ނަމަވެސް އެކި ބޭނުންތަކަށް ބިން ދޫކޮށް، މިހާރު އެރަށުގެ ބިން ވަނީ ވަރަށް ބޮޑަށް ފުރިފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން މިރަށުގައި މި މަސައްކަތްތައް ކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެރަށުގެ ރައްޔިތުން ފާހަގަކުރައްވައެވެ.
މި މަޝްރޫޢުއަކީ، ރަށުގައި އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކުރުމަށާއި އަދި ވިޔަފާރިއަށް ފައިބަރު މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ރަށުގައި ތިބެގެން އެ މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
33.6 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ ސަބަބުން އެރަށުގެ އިޤްތިސާދަށް ބޮޑު ފައިދާތަކެއް ކުރާނެއެވެ.