އެމެރިކާގެ މޭޖަރ ލީގުގެ އީސްޓަރން ކޮންފަރެންސްގައި ރޭ ފިލަޑެލްފިއާ ޔޫނިއަން އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
މި ސީޒަނުގައި އިންޓަރ މަޔާމީ އަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު އެންމެ ފަހުން އެ ޓީމު އޯލަންޑޯ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 2-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ ފިލަޑެލްފިއާ ޔޫނިއަން އެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކުއިން ސުލިވަން އާއި ޓައި ބަރީބޯ އެވެ.
މެޗުގެ 60 ވަނަ މިނިޓުގައި އިންޓާރ މަޔާމީގެ ޓަޑިއޯ އަލެންޑޭ ވަނީ ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފަ އެވެ. ނަމަވެސް އޭގެ 13 މިނިޓު ފަހުން ބަރީބޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އިންޓަރ މިލާނަށް ދެވަނަ ލަނޑެއް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ކެޕްޓަން ލިއޮނެލް މެސީ އެވެ. އަދި އިތުރު ވަގުތުގެ ކުޅުމުގައި މެސީ ދިން ޕާހަކުން ޓެލަސްކޯ ސެގޯވިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން އިންޓަރ މަޔާމީއަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ. ފިލަޑެލްފިއާ ޔޫނިއަން އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ.