ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން، ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ މިކަން ކުރުމުގެ ކުރިން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެކަމަށެވެ. އެގޮތުން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި އެމީހުން މޮނިޓަރ ކުރެވޭނެ ގޮތަށް ޝަރުޠުތަކަކާއެކު މުޖްތަމަޢުތެރެއަށް ދޫކޮށްލައިފިނަމަ އެކަމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުން ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްސަ އެސެސްމެންޓެއް ތައްޔާރުކުރެވޭނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. މިއެސެސްމަންޓްގައި ބަންދަށް ލުއިދެވޭ މީހުން މޮނިޓަރކުރުމަށް އެއިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެކަމަށާއި، މިއެސެސްމަންތަކީ ޕީޖީ އޮފީހުގެ އެދުމަށް ފުލުހުން ތައްޔާރުޔކުރާނެ އެސެސްމަންޓެއް ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ހަދާ އެސެސްމަންޓް ޕީޖީ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް އެ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެންނެވެ. އެގޮތުން ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 (ސަތޭކަ) ދުވަހަށް ކަނޑައަޅާ ޝަރުޠެއްގެ ގޮތުގައެވެ.
މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް މުރާޖަޢާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާކުރުން ކުރިއަށްގެންދެވޭނެއެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު އެ އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ބަންދަށް ލުއި ދިނުމަށް އެދި ހުށަހެޅޭނީ ޕީޖީ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު"ން ނުވަތަ އެ އޮފީހުގެ އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށެވެ. މިކަމަށް އެދޭ ފޯމު، މިހާރު އެ އޮފީހުގެ ވެބްސައިޓާއި، ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުންވެސް މި ފޯމު ލިބުމުގެ އިންތިޒާމު ހަމަޖައްސަވާނެނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ވާނުވާ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އެގޮތުން އެކި މައްސަލަތަކުގެ ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަތަކާއި ހަވާލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. "ރައްޔިތުންނާ އެކު" ޕޮޑްކާސްޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށެވެ.