ޚަބަރު

ޓޮޓްނަމް ބަލިކޮށް އެސްޓަން ވިލާ ފަސްވަނަ އަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވެ ތާވަލުގެ ފަސްވަނަ މަގާމް ހޯދައިފި އެވެ.

މި މެޗުން އެސްޓަން ވިލާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 37 މެޗުން 66 ޕޮއިންޓާއެކު ފަސްވަނަ މަގާމް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީއަށް ވެސް 66 ޕޮއިންޓް ލިބިފައިވާއިރު މި ދެ ޓީމުވެސް ވަނީ އެއް މެޗު އިތުރަށް ކުޅެފަ އެވެ. ގަދަ ފަހަކަށް ވާދަކުރާ މެންޗެސްޓަރ ސިޓީ އާއި ނޮޓިންހަމް ފޮރެސްޓްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑް އެއް މެޗު މަދުން ކުޅެފައިވާއިރު މި ހުރިހާ ޓީމަކަށްވެސް ގަދަ ފަހެއްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ.

އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެސްޓަން ވިލާ އިން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި އެސްޓަން ވިލާއަށް ލިބުނު ކޯނަރެއް ނަގައިދިން ވަގުތު އޮލީ ވޮޓްކިންސް ބޮލުން ޖައްސާލި ބޯޅަ އެޒްރީ ކޮންސާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފުރަތަމަ ލަނޑު ޖަހާފަ އެވެ.

މި މެޗުން އެސްޓަން ވިލާއިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 73 ވަނަ މިނިޓުގައި ބޯބަކަރ ކަމާރާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.

އެސްޓަން ވިލާއިން ޕްރިމިއާ ލީގުގައި މި ސީޒަނުގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް 69 ޕޮއިންޓާއެކު ގަދަ ފަހެއްގެ ޖާގައެއް ލިބިގެންދާނެ އެވެ.

އަނިޔާގެ މައްސަލަ ބޮޑުވެފައިވާ ޓޮޓްނަމް ހޮޓްސްޕަރ އިން މި މެޗުން ބަލިވެފައިވާއިރު އެ ޓީމުގެ ހުރިހާވެސް ވިސްނުމެއް މިވަގުތު ހުރީ މިމަހުގެ 21 ވަނަ ދުވަހު ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗަށެވެ.

މި މެ ޓޮޓްނަމް ހޮޓްސްޕަރ ބަލިވެފައިވާއިރު މި ސީޒަނުގައި ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމުން ވަނީ 21 މެޗުން ބަލިވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއް ނުވެއެވެ.