މި ސީޒަނުގައި މެންޗެސްޓާ ސިޓީއަށް ނާކާމިޔާބު ސީޒަނެއްގެ ގޮތުގައި ވިޔަސް. އެކަމުގެ ހިތިކަން ފިލުވާލަން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރަން ޖެހޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އޭނާ މިހެން ބުނީ ބުދަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސްއާ އެކު ކުޅޭ ފައިނަލް މެޗަށް އިޝާރާތްކޮށެވެ.
މި ތަށި ނުލިބިއްޖެނަމަ އެކަން ވެގެންދާނީ 2016 ވަނަ އަހަރަށް ފަހު މެންޗެސްޓާ ސިޓީ ތައްޓެއް ނުލިބި ނިންމާލާ ފުރަތަމަ ސީޒަނަށެވެ. ސިޓީ އަށް ވަނީ މި ސީޒަނުގެ އިނގިރޭސި ޕްރެމިއާ ލީގު ތަށި ގެއްލިފަ އެވެ. އެއީ ވިދިވިދިގެން ހަތަރު އަހަރު ހޯދުމަށްފަހު މި ސޒަނުގައި އެތަށި ލިވަޕޫލުން ގެންދިއުމުންނެވެ.
މިހެންވެ ގާޑިއޯލާ ބުނީ ތައްޓެއް ނުލިބި ސިޓީ ސީޒަން ނިންމާލުމަކީ ހުތުރެއް ކަމަށެވެ.
"މިއީ މައްސަލަ އަކީ. އެހެންނު؟ އެފްއޭކަޕަކީ މިހާރު އެންމެ އިސްކަންދޭ މުބާރާތަކީ. އެތަށި ހޯދަން ޖެހޭނެ. އަހަރުމެން ފައިނަލެއްގައި ނުކުޅޭނަން ތަށި ބޭނުންނުވާނަމަ. މިއީ ވަރަށް މުހިންމު ތައްޓެއް،" ގަޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ތަށި ހޯދުމަށް ކުޅުންތެރިންގެ ވިސްނުން ވަރަށް ބޮޑަށް މެޗަށް ހާއްސަވާން ޖެހޭ ކަމަށެވެ.
"މޮޅުވުމަށްޓަކައި، ތައްޓެއް ހޯދުމަށްޓަކައި ކުޅުންތެރިންގެ ހިތާއި ސިނކުޑި ފައިނަލެއްގައި ބައިތިއްބަންޖެހޭ. އެހެން އަހަރުތަކުގައި އަހަރުމެން ތަށި ހޯދި ފަދައިން މި ފައިނަލަކީ ވެސް މުހިންމުކަން ބޮޑު ފައިނަލެއްކަން ވިސްނަން ޖެހޭނެ. ކުޅުންތެރިން ކުރާ މަސައްކަތުން ތަށި ލިބޭނީ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ސިޓީގެ އެއްވަނަ ފޯވަޑް އާލިން ހާލަންޑް ކުޅޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ހަ ހަފުތާގައި އަނިޔާގައި ހުރުމަށްފަހު އޭނާ މިހާރު ވަނީ މުޅިން ފިޓްވެފަ އެވެ. ނަމަވެސް ކޯޗު ބުނީ މި ސީޒަނަށް ފަހު ޓީމު ދޫކޮށްލާ ކެޕްޓަން ކެވިން ޑެބްރޫނޭ އަށް ހާއްސަކޮށްގެން ކުޅުމުގެ ވަގުތު ދޭން ނުވިސްނާ ކަމަށާއި އޭނާ ކަންކަން ނިންމާނީ ކުލަބަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ. އަދި ހުސްވި ސީޒަނުގައި މޮޅަށް ކުޅެ ބެލެންޑީއޯ އެވްޑް ހޯދި ރޮޑްރީ މިހާރު ފަރިތަކުރަމުންދިޔަ ނަމަވެސް ރިސްކު ނަގާފައި މި މެޗުގައި ނުކުޅުވާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
"އޭނާ އަންނަނީ ވަރަށް ވަރަށް ރަނގަޅު ވަމުން. އަހަރެން މަޑުކޮށްގެން މި ހުންނަނީ ޑޮކްޓަރުން ބުނާނެ އެއްޗަކަށް. އެމީހުން އޭނާ މުޅިން ފިޓްވެއްޖެނަމަ ކަމަށް އަހަރެން ގާތުގައި ބުނެފިނަމަ އޭނާ މި މެޗުގައި ސްޓާޓް ވެސް ކޮށްފާނެ. އެކަމަކު އަހަރެން ރިސްކެއް ނުނަގާނަން،" ގާޑިއޯލާ ބުންޏެވެ.