އިންޑިއާގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރުދެއްވައިފިއެވެ.
ގައުމީ ޓީމަށް ހިތްވަރުދެއްވާ ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ސެމީ ފައިނަލުގައި މިއަދު ކުޅޭއިރު، މުޅި ގައުމު އޮތީ ޒުވާން ޓީމާ އެކުގައިކަމަށެވެ. އެހެންކަމުން ގައުމީ ލޯތްބާއެކު، ގައުމީ ޓީމު ކުރަމުންދާ ހިތްވަރަށް ސާބަސް ދަންނަވާ ކަމަށާއި، ގައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ދިވެހި ގައުމީ ފުޓްބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕުގެ 19 އަހަރުން ދަށުގެ ސެމީ ފައިނަލްގަައި މިއަދު ކުޅޭއިރު، މުޅި ގައުމު މިއޮތީ ޒުވާން ޓީމާއެކު. ގައުމީ ލޯތްބާއެކު، ތިޔަ ކުރާ ހިތްވަރަށް ސާބަސްދީ، ފުރިހަމަ ކާމިޔާބީއަށް އެދެން." ރައީސް ވިދާޅުވިއެވެ.
އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝްގައި ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ފަޚުރުވެރި ރާއްޖޭގެ ގައުމީ ޓީމު ދަތުރުކޮށްފައިވަނީ ބޫޓާންއާ ބައްދަލުކޮށް ވާދަވެރި ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމާއެކު، ގުރޫޕުގެ ދެވަނަ މަގާމު ލިބުމުންނެވެ.
މިމުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެއިން މިރޭ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި މި މެޗުކުޅުމަށް ހަމަޖެހިފަވަނީ ރާއްޖެ ގަޑިން އިރުއޮއްސި 7:00 ގައެވެ. ސަރަހައްދީ ގަދަ ބާރުގެ ގޮތުގައި ބެލެވޭ އިންޑިއާއާއި ދެކޮޅަށް ނިކުންނަ ސެމީ ފައިނަލް މެޗަށް ރާއްޖޭން ތައްޔާރުވެފައިވަނީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމުގެ އުންމީދުގައެވެ.
ޤައުމީ ޓީމުގެ ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) މެޗުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިޔާ ދެކޮޅަށް ނުކުންނާނީ އެއީ ވަރުގަދަ ޓީމެއްކަން ދަނެގެންކަމަށެވެ. އިންޑިޔާއަކީ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމު ކަމަށާއި އިންޑިޔާ އަތުން މޮޅުވެވޭނީ އޯޕަން ގޭމެއް ނުކުޅެ ދިފާއަށް ވިސްނައިގެން ކަމަށްވެސް ޝާކިއްޓެ ވަނީ ބުނެފައެވެ.
މިއީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީގަ ރާއްޖެއިން ވާދަކުރާ ދެވަނަ ފަހަރުއެވެ.