ޚަބަރު

އޭވިއޭޝަން ކުންފުންޏެއްގައި ހިއްސާއެއް އޮތްނަމަ އޭވިއޭޝަން އޮތޯރިޓީގެ ބޯޑު މެންބަރަކަށް ނުވެވޭގޮތަށް އިސްލާޙެއް


  • ބިލުގެ ބޭނުމަކީ އަލަށް އެކުލަވާލާ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާ މާއްދާތައް އެއްގޮތްކުރުން

  • ސިޔާސަތު އެކަށައެޅުމަކީ ވަޒީރުގެ ޒިންމާއެއްކަމަށް ބަޔާންކުރާ އަކުރުތައް ވަނީ އުނިކޮށްފައި

މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ޤާނޫނީ ޝަޚުސެއްގައި ނުވަތަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ރެގިއުލޭޓްކުރާ ތަނެއްގައި މީހެއްގެ މަސްލަހަތެއް ނުވަތަ ހިއްސާއެއްވާނަމަ އެ މީހަކަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑު މެންބަރަކަށް ނުވެވޭގޮތަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް މި އިސްލާޙުހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލެވެ.

ބިލު ހުށައެޅުމުގެ މަޤްޞަދެއްކަމަށް ބާޔަންކުރައްވާފައިވަނީ މިހާރު ޢަމަލުކުރަމުން އަންނަ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުގެ ބަދަލުގައި ޒަމާނާ އެކަށީގެންވާ ތަންފީޒީ ނިޒާމެއް މެދުވެރިކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު"އާ ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

މީގެ ކުރިން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުގައި އޮންނަ ގޮތުން މަދަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއްގެ ނުވަތަ ގަވާއިދުގެ ދަށުން ހިނގަމުންދާ އިދާރާއެއްގައި އެ ތަނެއްގެ 5 އިންސައްތަ އަށްވުރެ ބޮޑު ހިއްސާއެއް އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ މީހެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ އޮތް ކުންފުންޏެއްގެ ނަމުގައި އޮތްނަމަ މެންބަރަކަށް ނުވެވޭނެއެވެ. ނަމަވެސް މިހާރު ބިލުގައި އޮތް ގޮތުން އެފަދަ އިދާރާއެއް އަދި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއްގައި މީހެއްގެ އެއްވެސް މަސްލަހަތެއް، އިސްލާހެއް އޮތްނަމަ މެންބަރަކަށް ނުވެވޭނެއެވެ.

މީގެ އިތުރުން މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކަށައެޅުމަކީ ވަޒީރުގެ ޒިންމާއެއްކަމާއި ވަޒީރު އެހެން ގޮތަކަށް ޢަމަލުކުރަން އަންގާފައި ނުވާހާ ހިނދަކު ވަޒީރު ކަނޑައަޅައި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޮތޯރިޓީން ޢަމަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ އަކުރުތައް ވަނީ އުނިކޮށްފައެވެ.

ބިލަށް ގެނެސްފައިވާ އެހެން އިސްލާހުތަކުގެ ތެރޭގައި އަވަސްގޮތަކަށް މައްސަލައެއް ނިންމައިދިނުމަށް އޮތޯރިޓީގެ ބޯޑަށް ޗީފް އެގްޒެކެޓިވް ހުށައަޅައިފިނަމަ، ބޯޑުގެ ޖަލްސާއެއް 3 ދުވަސް ތެރޭގައި ބާއްވާ މައްސަލައާމެދު ގޮތެއް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު އޮންނަ ގޮތުން ޖަލްސާއެއް ބާއްވަންޖެހޭނީ 5 ދުވަހުގެ ތެރޭގައެވެ.

މި ބިލަށް ޢަމަލުކުރާނެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ބިލު ފާސްވެ، ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.