މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށްދާ ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.
ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓްހަމަޖައްސާފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމާއެކުގައެވެ.
ބީއެމްއެލްއިން ވިދާޅުވީ ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1750 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެކަމަށެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޙައްޖު ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޔޫއެސް ޑޮލަރު ބޭންކުން ވިއްކާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ ޙައްޖުވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަން އިން ޙައްޖުވެރިންގެ ލިސްޓު ބޭންކަށް ހުށަހެޅުމުން ބޭންކުން ކާޑު ލިމިޓް އިތުރުކޮށްދޭނެކަމަށެވެ. އަދި ކާޑު ލިމިޓް ހަމަޖެހުމުން އެސްއެމްއެސް ފޮނުވާނެކަމަށްވެސް ބޭންކްއިން ވިދާޅުވިއެވެ.
މިދިޔަ ރަމަޝާންމަހުގެ ޢުމްރާވެރިންގެ ޑެބިޓް ކާޑަށް ބޭންކުން 1500 ޑޮލަރު ހަމަޖެއްސުމާއެކު، 1300 އުމްރާވެރިން ކާޑު މެދުވެރިކޮށް ގާތްގަނޑަކަށް 9000 މުއާމަލާތްކޮށްފައިވާއިރު، މި މުއާމަލާތްތަކަށް ބޭންކުން ވަނީ އެއް މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ވިއްކާފަކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވިއެވެ.