ޚަބަރު

އޭއެމްއެސްގައި މީޑިއާ އެކްސެލެންސްގެ ޚާއްސަ އެވޯޑު ޕީއެސްއެމްއަށް


  • ރޭޑިއޯ ކެޓެގަރީން އެންމެ މޮޅު އުފެއްދުމުގެ އެވޯޑް ހާސިލްކުރީ ވިއެޓްނާމްގެ ވޮއިސްއޮފް ވިއެޓްނާމްއިން

  • ޓީވީ ކެޓަގަރީން އެއްވަނަ އެވޯޑް ހާސިލްކުރީ ދެކުނު ކޮރެއާގެ ކޮރެއަން ބްރޯޑްކާސްޓިން ސިސްޓަމް

21 ވަނަ އޭޝިއާ މީޑިއާ ސަމިޓުގައި މީޑިއާ އެކްސެލެންސްގެ ޚާއްސަ އެވޯޑު ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމް އަށް ލިބިއްޖެއެވެ.

ޕީއެސްއެމްއަށް އެ އެވޯޑް ދީފައިވަނީ މީޑިއާ ތަރައްޤީކުރުމަށާއި ބްރޯޑްކާސްޓްކުރުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޕީއެސްއެމްއިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

21 ވަނަ އޭޝިއާ މީޑިއާ ސަމިޓުގެ ގާލާ ހަފްލާގެ ތެރެއިންވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބްރޯޑްކާސްޓަރުން އުފައްދާފައިވާ ފާހަގަކޮށްލެވޭ ރޭޑިއޯ އަދި ޓީވީ އުފެއްދުންތަކަށްވެސް އެވޯޑްދީފައެވެ.

އެގޮތުން، އެ ހަފްލާގައި ޖުމްލަ 5 އެވޯޑެއް ވަނީ ދީފައެވެ. އޭގެތެރޭގައި އެންމެ މޮޅު ރޭޑިއޯ ޕްރޮގްރާމް، އެންމެ މޮޅު ޓީވީ ޕްރޮގްރާމް، ކޮމެންޑޭޝަން އެވޯޑުތައް، އަދި މީޑިއާ އެކްސެލެންސްގެ ޚާއްސަ އެވޯޑް ހިމެނެއެވެ.

ރޭޑިއޯ ކެޓެގަރީން އެންމެ މޮޅު އުފެއްދުމުގެ އެވޯޑް ހާސިލްކުރީ ވިއެޓްނާމްގެ ވީއޯވީ ވާލްޑް ވޮއިސްއޮފް ވިއެޓްނާމްއިން އުފެއްދި ޕީސްފުލް ވިއެޓްނާމީސް ނިއު އިޔަރ އިން އެވްރީ އޭސްވީޓް ކޮމާން ފްރޮމް ދި ހާޓްސް އޮފް ސޯލްޖާސް، ނަމަކަށް ކިޔާ ޕްރޮގްރާމަކަށެވެ.

ޓީވީ ކެޓަގަރީއަށް ބަލާއިރު އެއްވަނަ އެވޯޑް ހާސިލްކުރީ ދެކުނު ކޮރެއާގެ ކޮރެއަން ބްރޯޑްކާސްޓިން ސިސްޓަމް ކޭބީއެސް އިން އުފެއްދި ލައިފް އޮން ދި ބާނިންގް އާތް ދަ ވެނިޝިން ސީޒަން ނަމަކަށް ކިޔާ ޕްރޮގްރާމަކަށެވެ.

މީގެއިތުރުން މި ހަފްލާގެ ތެރެއިން ވަނީ، އޭޝިއާ މީޑިއާ ސަމިޓަށް އެހީތެރިވެދިން ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ ސެޓްފިކްޓްތަކެއްވެސް ޕާޓްނަރުންނަށް ދީފައެވެ.

އަދި ގާލާ ނައިޓުގެ ބައިވެރިންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އޭގެތެރޭގައި ދިވެހީންގެ ސަޤާފަތާއި ތަރިކަ ދައްކުވައިދޭ ނެށުމާއި ބޮޑުބެރުގެ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.