ޚަބަރު

"ބިދޭސީންގެ ކަންކަން އެންމެ ރަނގަޅަށް ބަލަހައްޓާ ޤައުމަކަށް ރާއްޖެ ހަދާނަން"


  • ނޮވެމްބަރު 17ގެ ކުރިން ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ނިންމާލެވޭނެ

  • ސަރުކާރުން ހަވާލުވިއިރު ވާނުވާ ނޭނގޭ 3 ލައްކައެއްހާ ބިދޭސީން ތިބި

މި ދައުރު ނިމޭއިރު ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ އެއް ޤައުމަށް ރާއްޖެ ވެގެންދާނެކަމަށްދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދާ ޑީޕޯޓުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ، އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި މި ދައުރު ނިމޭއިރު ރައްޔިތުން ޤަބޫލުކުރާ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރުވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައެޅިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދުނިޔޭގެ އެންމެ ރަނގަޅަށް މިކަން ކުރާ ގައުމުތަކުގަ، އެއީ ސިންގަޕޫރު ދުބާއީ ފަދަ ގައުމުތަކުގަ. ސިންގަޕޫރުގަ ގަވެސް މިވަގުތު ހުރީ އެއްވެސް ވަރަކަށް ގޮތް ނޭނގޭ މީހުން ނުވަތަ ގަވާއިދާ ޚިލާފަށް އެގޮތަށް އުޅޭ މީހުންގެ އަދަދު މިވަގުތު މި ބަލަހައްޓަނީ. އަޅުގަނޑުމެން މިހާރު 2 ޕަސެންޓަށް މި ވެއްޓުނީ. އެއްވެސް ވަރަކަށް ދައުލަތަށް ނުފެނި، ޑޮކިއުމެންޓްތައް ދިމާނުވާ މީޙުން، އޭތި 1 ޕަސެންޓަށް ދަށްކުރުމަކީ ޓާގެޓަކީ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ސަރުކާރުން ހަވާލުވިއިރު ވާނުވާ ނޭނގޭ ތިންލައްކައެއްހާ ބިދޭސީން ރާއްޖޭގައި ތިބިކަމަށެވެ. ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ތެރެއިން މިމަހުގެ 1ގެ ނިޔަލަށް %98 މީހުންގެ ބަޔޯމެޓްރިކްސް ނެގިފަވާކަން ވަޒީރު ފާހަަގަކުރެއްވިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.