ޚަބަރު

ޕަބްލިކް ޑިފެންޑަރސް އޮފީހެއް ރާއްޖޭގައި ޤާއިމުކުރައްވަނީ


ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޕަބްލިކް ޑިފެންޑަރސް އޮފީހެއް ކުރިއަށްއޮތް 2 އަހަރު ދުވަހުގެ ތެރޭގައި ޤާއިމު ކުރައްވާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ބަނޑޮހުގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވީ، ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދައުލަތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތައް ޕަބްލިކް ޑިފެންޑަރސް އޮފީސް ޤާއިމުކުރެވުމާއެކު ޙައްލު ކުރެވިގެންދާނެ ކަމަށެވެ. މި އޮފީހުން ދައުލަތުގެ ފަރާތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެފުރުޞަތު ލިބިގެންދާނެކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ލީގަލް އެއިޑް މެކޭނިޒަމްއެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތަކީ ބަންޑާރަ ނާއިބުގެ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭގައިވެސް ހިމެނުއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި މި ނިޒާމް ޤާއިމު ކުރެއްވުމަށްޓަކައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމަނުއްވައިގެން ލީގަލް އެއިޑާ ގުޅޭ ޤާނޫނެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކި ޤައުމުތަކުން އެކި އުސޫލުތައް ގެންގުޅުއްވައެވެ. އެގޮތުން ޕަބްލިކް ޑިފެންޑާރސް އޮފީހެއް ޤާއިމު ކުރައްވައިގެން އެޚިދުމަތް ފޯރުކޮށްދެއްވުމަކީ މީގެތެރޭގައި ހިމެނޭ އެއް މެކޭނިޒަމެވެ.