ކުނިން ރައްކާތެރިވެފައިވާ ސާފުރާއްޖެއަކަށް ވާސިލްވުމަށް، ރާއްޖޭގެ 180 ރަށަކުން ފަހުމުނާމާއެއްގައި ސޮއި ކުރުމަށްފަހު، ސާފު ރާއްޖެ ޤައުމީ މަހާސިންތާ ނިންމާލައިފިއެވެ.
ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށަކާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ ބައިވެރިވުމާއެކު، ތިމާވެއްޓާ ބެހޭ ވުޒާރާއިން އިސްނަންގަވައިގެން ކުރިއަށްގެންދެވި ސާފުރާއްޖެ ޤައުމީ މަހާސިންތާއަކީ، ސާފުރާއްޖެ ކެމްޕެއިން ކާމިޔާބު ކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ބައިވެރިވުން އިތުރުކޮށް، ސާފުރާއްޖެއަކަށް ވާސިލްވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތަށް ވާސިލްވުމަށް ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ.
ޖުލައި މަހުގެ ސޯޅަވަނަ ދުވަހު ފެށުނު މަހާސިންތާގައި، ކުނި މެނޭޖްކުރުމުގެ ދާއިރާއާ ގުޅޭގޮތުން ބައިވެރިންނަށް އެތައް މަޢުލޫމާތެއް ހިއްސާކޮށް، ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގައި ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވެއެވެ.
މިމަހާސިންތާގައި ކުރިއަށްދިޔަ އެންމެ ޚާއްސަ ދެކަމަކީ ސާފުރާއްޖެއަކަށް ވާސިލްވުމަށް މަސައްކަތް ކުރުމަށް ރަށު ކައުންސިލްތަކާއި، ތިމާވެއްޓާ ބެހޭ ވުޒާރާއާ ދެމެދު ސޮއި ކުރެވުނު ފަހުމުނާމާއާއި، ކުނި ނައްތާލުމުގެ ޤައުމީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށިގެން ދިއުމެވެ.
މިހާސިންތާގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވި، ތިމާވެއްޓާ ބެހޭ ވުޒާރާގެ ކުނި ކޮންޓްރޯލްކުރުމާ ބެހޭ ޑިޕާޓްމަންޓްގެ ހެޑް، އަދި މިނިސްޓަރގެ ނައިބު ޢަލީ އާމިރު ވިދާޅުވީ، އެ ވުޒާރާއާ ކައުންސިލްތަކާ ދެމެދު ވެވުނު ފަހުމުނާމާ އަކީ، ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
img:http://s3.psmnews.mv/images/660x400/14688653685294.jpg|އެންވަޔަރްމަންޓް މިނިސްޓަރގެ ނާއިބު ޢަލީ އާމިރު(ކ)- ފޮޓޯ: ޕީއެސްއެމް
" މިއީ މި ދާއިރާއިން ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. ރާއްޖޭގެ 180 ކައުންސިލުން މިވަނީ ކުނި ނައްތާލުމަށާއި، ސާފުރާއްޖެއަކަށް ވާސިލްވުމުގެ ސިޔާސަތަށް އެބޭފުޅުންގެ ދާއިރާގެ ތެރެއިން ކޮންދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް އެއްބަސްވެފަ. މި ނަތީޖާއާއެކު ކައިރި މުސްތަގްބަލެއްގައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުވެ، ސާފުރާއްޖެއެއް ފެންނާނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އާވެގެންދޭ " އާމިރު ވިދާޅުވިއެވެ.
ކުނި މެނޭޖްކުރުމުގެ ޤައުމީ ޕްލޭނަކީ، ރަށު ފެންވަރުގައި ހަދާފައިވާ ޕްލޭންތަކުގައި ހުރި މަޢުލޫމާތުތައް ހިމަނައިގެން ތިމާވެއްޓާ ބެހޭ ވުޒާރާއިން ތައްޔާރުކުރާ ގައުމީ ޕްލޭނެކެވެ. މި ޕްލޭންގެ ސަބަބުން ކުނި ނައްތާލުމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، އެއް މިންގަނޑަކަށް ހުރިހާ ރަށްތަކެއްގައި މަސައްކަތް ކުރެވިގެންދާނެކަން އާމިރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ 265 ފަރާތަކުން މި މަހާސިންތާގައި ބައިވެރިފައިވެއެވެ. އެ ފަރާތްތަކުން ބުނީ މަހާސިންތާގެ ސަބަބުން ލިބުނު މަޢުލޫމާތާއި، ކުނި މެނޭޖްކުރުމުގައި މި ސަރުކާރުގެ ސިޔާސަތު ހާމަވުމުން، މިކަމަށް އޮތް ޖޯޝް އިތުރުވެގެން ދިޔަ ކަމަށެވެ.
" މަހާސިންތާއިން އެނގިގެންދިޔަ އެއް ކަމަކީ، ބޭނުންވަނީ ހަމައެކަނި ފައިސާނޫންކަން. ފަރުދީ އަދި މުޖުތަމުގެ ފެންވަރުން ކުރެވިދާނެ ބައިވަރު ކަންތައްތައް އެބަހުރި. އެކަމަށް ބޭނުންވަނީ ހޭލުންތެރިކަން އިތުރުކުރުން. މި މަހާސިންތާގެ ސަބަބުން އަޅުގަނޑުމެންވެސް ވަރަށް ބޮޑަށް ހޭލުންތެރިވެއްޖެ. އަދި ކުނި ނައްތާލުމުގެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިއްޖެ. އަޅުގަނޑުމެން އެންމެންވެސް މިތިބީ ފަހުމުނާމާއެއްގައި ސޮއިކޮށް އަޒުމްތަކެއް ކަނޑައަޅައިގެން. " ށ.ނަރުދޫއަށް ނިސްބަތްވާ ކައުންސިލަރަކު ވިދާޅުވިއެވެ.
މަހާސިންތާގެ ބައިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު، ސާފުރާއްޖެއަކަށް ވާސިލްވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.