ރާއްޖޭގައި ތެލެސީމިއާ ކުދިންނާއި އެކުދިންގެ ޢާއިލާތަކުގެ ޒަމާންވީ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ވޭތުވެދިޔަ ދިގު މާޒީގައި ތެލެސީމިއާއާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ސަރުކާރުތަކުން އެދެވޭގޮތުގައި މާބޮޑެތި މަސައްކަތްތަކެއް ނުކުރުމުގެ ނަތީޖާއަކީ މިއަދު މިކަމުގައި ކުރަންޖެހޭ މަސައްކަތް އިތުރުވުމެވެ.
ރާއްޖޭގައި ތެލެސީމިއާއަށް ސްކްރީންކުރުން އާބާދީގެ ނިސްބަތުން މައްސަލަ އޮތް އިންސައްތައާއި އަޅާބަލާއިރު އޮތީ ކަންބޮޑުވާ މިންވަރެއްގައެވެ. ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާއަށް ސްކްރީން ކުރުން ލާޒިމުކުރިނަމަވެސް މިކަން ގިނަ ރަށްރަށުގައި ކުރިއަށްނުދެއެވެ.
ރާއްޖެ ހިމެނެނީ އާބާދީގެ ނިސްބަތުން ތެލެސިމިއާ ކުދިން އެންމެ ގިނަ އެއް ޤައުމުގެ ގޮތުގައެވެ. މިގޮތުން މިދިޔަ 2024 ވަނަ އަހަރު 18 ކުއްޖަކު ތެލެސީމިއާއަށް ރަޖިސްޓްރީވެފައިވާއިރު މިއަހަރުގެ މިހާތަނަށް 5 ކުއްޖަކުވަނީ ތެލެސީމިއާއަށް ރަޖިސްޓަރކޮށްފައެވެ. ރާއްޖޭގައި ތެލެސީމިއާ ކުދިންގެ ދަފްތަރު އެކުލަވާލާފައިވަނީ 1992 ވަނަ އަހަރުގައެވެ. އަދި ވޭތުވެދިޔަ 33 އަހަރުގެ ތެރޭގައި 968 ކުއްޖަކު ރަޖިސްޓަރ ކޮށްފައިވާއިރު، މީގެތެރެއިން މިވަގުތު 670 ކުދިން ޚިދުމަތް ހޯދަމުންދާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ތެލެސީމިއާ ކުދިންގެ އާބާދީ އިތުރުވަމުންދާތީ، ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކަށް ވެފައިވަނީ ތެލެސީމިއާގެ އާބާދީ މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، ސްކްރީނިންގ ވަރުގަދަކުރުމަށެވެ. މިގޮތުން 2024 ވަނަ އަހަރު ތެލެސީމިއާއާއި ގުޅޭގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީންކުރުމުގެ ޤައުމީ މަޝްރޫއެއްވެސްވަނީ ފައްޓަވާފައެވެ.
ސިއްޙީ ވުޒާރާއިން ހާމަކުރައްވާފައިވާގޮތުގައި 9000 އަށްވުރެ ގިނަ ފަރާތް މިހާތަނަށް ސްކްރީން ކުރެވިފައިވާއިރު ޑިއެންއޭ ހަދައިގެން ހާހަކަށްވުރެ ގިނަ ކުދިންނަށް ތެލެސީމިއާއަށްވަނީ ޓެސްޓުކޮށްފައެވެ. އަދި ފުރަތަމަ ފަހަރަށް އާސަންދަ މެދުވެރިކޮށް މިޚިދުމަތްދޭން މިދިޔަ އަހަރުވަނީ ފަށާފައެވެ.
ސަރުކާރުގެ އެހީތެރިކަމާއެކު ބޯންމެރޯ ހަދަން ދާކުދިންގެ ނިސްބަތް އިތުރުކޮށްފައިވާއިރު މިދިޔަ 2024 ވަނަ އަހަރު 14 ކުއްޖަކު ބޯންމެރޯ ހަދަންވަނީ ފޮނުވާފައެވެ. އަދި ކާމިޔާބުކަމާއެކު ބޯންމެރޯހެދުމަށްފަހު މީގެތެރެއިން 13 ކުއްޖަކު ރާއްޖެއަށް އައިސްފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް "ޓީ 2 ސްޓަރ ޓެސްޓް" ހެދޭނެ އިންތިޒާމުވެސް މިދިޔަ އަހަރުގެތެރޭގައިވަނީ ހަމަޖައްސަވާފައެވެ.
ތެލެސީމިއާ ކުދިންނަށް ޚިދުމަތް ދެމުން އަންނަ ކުދިންނަށް ކުރިމަތިވާ ތަކުލީފުތައް ބައްލަވާ، އެކަމަށް ހައްލެއް ގެނެސްދެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ މަތިން މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖް ހިޔާއަށް މިހާރުވަނީ ބަދަލުކޮށްފައެވެ.
ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓްރަ ޕްލޭން 2024-2034 މިހާރު އެކުލަވާލާފައިވާއިރު، ތެލެސިމިއާއަށް ދެވޭ ފަރުވާ ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ހުޅުމާލޭގައި ހަމަޖެހިފައިވާކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
ތެލެސީމިއާގެ ޒަމާންވީ ޝަކުވާއާއި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ. އެގޮތުން މި 5 އަހަރުގެ ތެރޭގައި ތެލެސީމިއާއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހެޔޮބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.