ތިމާވެށި

ރިސޯޓްތަކަށް ތްރީއާރު އެވޯޑް ދޭން ފަށަނީ


މިއަހަރު ތެރޭގައި ތްރީއާރު އެވޯޑްގެ ނަމުގައި ރިސޯޓްތަކަށް އެވޯޑެއް ދިނުމަށް ނިންމާ އެކަން އެންވަޔަރަމަންޓް މިނިސްޓްރީން އިޢުލާންކުރައްވައިފިއެވެ.

މިކަން އިޢުލާންކުރެއްވީ، އިއްޔެއިން ފެށިގެން ކުރިއަށްދާ "ސާފު ރާއްޖެ ޤައުމީ މަހާސިންތާ"ގެ ހަވާސާގެ ތެރެއިންނެވެ. މިމަހާސިންތާ ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

ކުނި މެނޭޖްކުރުމަށްޓަކައި ކަމާއިބެހޭ ފަރާތްތައް ބައިވެރިވާ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އާއި ގުޅޭ މަޢުލޫމާތުދެއްވަމުން އެންވަޔަރްމަންޓް މިނިސްޓަރގެ ނާއިބު ޢަލީ އާމިރު ވިދާޅުވީ ސާފު ރާއްޖެ މަހާސިންތާގައި، މިދިޔަ އަހަރު ބޭއްވި ތްރީއާރު ފޯރަމްއިން ނިންމާފައިވާ ޤަރާރާއި ގުޅޭގޮތުން ކަމާއިބެހޭ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ރިސޯޓްތަކަށް ތްރީއާރު އެވޯޑް ދިނުމަށް ނިންމާފައިވާކަމަށެވެ. މިއެވޯޑް ދެވޭނީ ކަނޑައެޅޭ 6 ކްރައިޓީރިއާއަކަށް ބަހާލައިގެން އެކަންތައް ޙާސިލްކުރެވޭ ފަރާތްތަކުގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ. އާމިރު ވިދާޅުވީ ރިސޯޓްތަށް އިޝްތިހާރުކުރުމުގައިވެސް މިއެވޯޑްމުޙިއްމުވެގެންދާނެކަމަށެވެ.

ރިސޯޓްތަކަށް 3އާރު އެވޯޑް ދިނުމާއި ގުޅޭގޮތުން ބޭއްވި ސެޝަންގައި 53 ރިސޯޓަކުން ވަނީ ބައިވެރިވެފައެވެ. "ސާފު ރާއްޖެ ޤައުމީ މަހާސިންތާ"ގެ މިއަދުގެ ސެޝަންގައި ކުރިއަށްގެންދިޔަ ކަންތައްތަކުގެ ތެރޭގައި، މަހާސިންތާގެ ބައިވެރިން ގްރޫޕްތަކަށް ބަހާލައިގެން ކުނިމެނޭޖްކުރުމުގެ ރަށުފެންވަރުގެ ޕްލޭން ތައްޔާރުކުރުމާއި، ކުނި މެނޭޖްކުރުމުގައި ވަޞީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރާނެގޮތާއި، ކުނިމެނޭޖްކުރުމުގައި އެހީ ހޯދޭނެ މުވައްސަސާތައް، އަދި ކޮންސްޓްރަކްޝަންސް ވޭސްޓާބެހޭ ޕްރެޒެންޓޭޝަންނެއް ދިނުން ހިމެނެއެވެ.

މީގެ އިތުރަށް ރާއްޖެ 5 ސަރަހައްދަކަށް ބަހާލައިގެން، އެސަރަޙައްދެއްގައި ކުނި މެނޭޖްކުރުމުގެ ރީޖަނަލް ޕްލޭން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއި ބެހޭގޮތުން އެސަރަޙައްދުތަކުން އަތޮޅުތަކުގެ މަންދޫބުން ގްރޫޕްތަކަކަށް ބަހަލައިގެން ސެޝަނެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިމަހާސިންތާގެ ހަވާސާގެތެރެއިން މާލޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާކޮށް ބައިވެރިންގެ ޚިޔާލު ހޯދާފައިވެއެވެ.

ކުނި މެނޭޖްކުރުމާއި ބެހޭ މިމަހާސިންތާގައި ރާއްޖޭގެ އެކިރަށްރަށުގެކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި، އަދި ކަމާބެހޭ އެކިއެކި މުޢައްޞަސާތަކާ އިދާރާތަކުން ޖުމްލަ ތިންސަތޭކައަށްވުރެ ގިނަ ފަރާތްތައް ބައިވެރިވެއެވެ.