ޚަބަރު

"ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފަށައިފި


  • މިފޯރަމަކީ އޭސީސީއާއި ސަޢުދީގެ އެންޓި ކޮރަޕްޝަން އޮތޯރިޓީ ގުޅިިގެން ބާއްވާ ފޯރަމެއް

  • މިފޯރަމް އަމާޒުކޮށްފައިވަނީ އޯއައިސީގެ މެންބަރު ޤައުމުތަކަށް

  • ފޯރަމްގައި ކުރެވޭ މަޝްވަރާގެ އަލީގައި ޚާއްސަ މަގުޗާޓެއް އެކުލަވާލާ އެންޑޯސްކުރާނެ

  • މިފޯރަމް ޚާއްސަކޮށްފައިވަނީ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ގޮންޖެހުންތަކަށް

އޯއައިސީގެ ޤައުމުތަކަށް އަމާޒުކޮށްގެން ވިލާ ނޯޓިކާގައި ބާއްވާ "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފަށައިފިއެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ.

މިއީ ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އާއި ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ ޚާއްސަ ފޯރަމެކެވެ.

މިފޯރަމްގެ ތީމެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސްޓްރެންތެނިންގ އިންޓަގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" ނުވަތަ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.

ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވީ، މި ފޯރަމަކީ ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ބާރެއްކަމަށެވެ. މި ފަހަރުގެ މި ފޯރަމް ފަތުރުވެރިކަމުގެ ސިނާޢަތަށް އަމާޒުކޮށްފައިވާއިރު، މި ސިނާޢަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކާ ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލަންޖެހޭކަމަށް ޝާމިލް ވިދާޅުވިއެވެ.

މިއީ އިޤްތިޞާދުގެ ދުޅަހެޔޮކަމާވެސް ގުޅިފައިވާ މުހިންމު ސިނާޢަތެއްކަމުން، ކޮރަޕްޝަނަށް ހުރި ހިރާސްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ނަތީޖާ ނެރެވޭނެ ފަދަ ފިޔަވަޅުތަކެއް ހުރިހާ މަސްއޫލުވެރިން ގުޅިގެން އަޅަންޖެހޭކަމަށާއި، މިކަމުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން އޭސީސީގެ ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި ފޯރަމްގައި ކަމާގުޅުންހުރި އިދާރާތަކާއި ވުޒާރާތައް އެއްތަންވެ، މުހިންމު އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވޭނެކަމަށް އުއްމީދުކުރާކަމަށް އޭސީސީގެ ރައީސް ޝާމިލް ވިދާޅުވިއެވެ.

މި ފޯރަމު އިންތިޒާމުކުރަނީ އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް އެޖެންސީތަކުގެ ދެވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ނިންމުމާ އެއްގޮތަށް އޯއައިސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކުރިއަރުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒަހަތްތެރި ސިނާޢަތަކަށް ހެދުމުގެ މަޤްޞަދުގައެވެ.

މި ފޯރަމުގައި ކަމާބެހޭ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢަތުތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރާނެއެވެ. އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފޯރަމްގައި މަޝްވަރާކުރެވޭނެ މައިގަނޑު ދާއިރާތައް:

* ފަތުރުވެރިކަމުގެ ދާއިރާގައި ޕަބްލިކް ޕްރޮކިއުމަންޓްގެ ދެފުށް ފެންނަ، ނަޒާހަތްތެރިކަން އަދި އެފިޝަންސީ ކަށަވަރުކުރުން
* ފަތުރުވެރިކަން ކުރިއެރުވުމުގައި ޚާއްސަކޮށް ބިން ބޭނުންކުރުމާއި މެނޭޖްކުރުމަށް ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުން
* ފަތުރުވެރިކަމުގެ ދާއިރާގައި އިންޓެގްރިޓީ، ޓްރާންސްޕޭރެންސީ އަދި ޒިންމާދާރުކަން އިތުރުކުރުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގެ ޕާޓްނަރޝިޕް
* އެތިކަލް ނުވަތަ އަޚްލާޤީ އޮނިގަނޑުތައް ތަރައްޤީކުރުމާއި ޤާބިލުކަން އިތުރުކުރުން
* ރެގިއުލޭޓަރީ ފްރޭމްވޯކްތައް ހަރުދަނާކޮށް، ތަންފީޒުކުރުމަށް ބާރުއެޅުން
* ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަން ހުއްޓުވުމާއި އެސެޓް ރިކަވަރީއަށް މަގުފަހިކޮށްދިނުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުން

މި ފޯރަމުގައި އޯއައިސީގެ 40 އަށްވުރެ ގިނަ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަދި ފަތުރުވެރިކަމާ ބެހޭ އިދާރާތަކާއި، ބައިނަލްއަޤުވާމީ އިދާރާތައް ހިމެނޭހެން 180އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މަތީ ފެންވަރުގެ ޕްލިނަރީ ސެޝަންތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްލިނަރީ ސެޝަންތަކުގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމާ ބެހޭ ދާއިރާގެ އިސްވެރިންނާއި ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާތަކުގެ އިސްވެރިން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވާނެއެވެ. މީގެއިތުރުން، ފޯރަމުގެ ޕެނަލް މަޝްވަރާތަކުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވާނެއެވެ.