ޚަބަރު

އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ފަށައިފި، މިއަހަރު ބޭނުންކުރެވޭނެ


އިންޑޯ ހޭންޑްބޯލް ކޯޓެއް ނެތުމާއި ގުޅިގެން ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވާކަމަށާއި، އެހެންނަމަވެސް މިއަހަރު ނިމޭއިރު ކޯޓު ހިޔާކޮށް ބޭނުންކުރެވޭވަރު ވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ހޭންޑްބޯލް ކޮމިއުނިޓީން ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑަށް ބޭނުންވީ ހޭންޑް ބޯލް ކޯޓު ހިޔާކުރެވޭނެ ގޮތެއް ވުމަށްކަމަށާއި، އެކަމަށް ބޭނުންވާ ސާމާނު ކުރިޔަށް އޮތް ދެ ހަފްތާތެރޭ ރާއްޖެ ގެނެސް ނިމޭނެ ކަމަށާއި، އެކަމަށް ހޭދަވާ ފައިސާގެ ތެރެއިން މިނިސްޓްރީން ހަމަޖައްސަންޖެހޭ ބައި މިހާރު ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް ހޭންޑްބޯޅަ ޓީމުތަކަށް މާލެ އައިސް މޫސުން ގޯސްވުމުގެ ސަބަބުން މެޗުތައް ނުކުޅެވި ދިގުލައިގެން ދިޔަކަމަށާއި، އެހެންނަމަވެސް ދެން އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

އިންޑޯ ހޭންޑް ބޯލް ކޯޓަށް ބޭނުންވާ ސާމާނު ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ލަފާކުރާއިރު އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މިއީ ރާއްޖޭގެ އިންޑޯ ހޭންޑްބޯޅައަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މުޖޭ ވިދާޅުވީ ހޭންޑްބޯލް އިންޑޯ ކޯޓުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، ކުރިޔަށް އޮތް ހަފްތާގައި ބުޑުތައް އަޅަން ފަށާނެކަމަށެވެ.

އަދި މީގެ ކުރިން އިންޑޯގައި މެޓްގައި ކުޅުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިންނަށް ނުލިބޭ ކަމަށާއި، މިހާރު ކުޅެމުން އަންނަ ސްޕީޑާއި އެންޑިއުރެންސަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް މުޖޭ ވިދާޅުވިއެވެ.

ހޭންޑްބޯޅައިގެ އިތުރުން ހުރިހާ ކުޅިވަރެއްވެސް ކުރިއަރުވަން މަސައްކަތް ކުރާނެކަމުގެ ޔަގީންކަންދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ބޭނުންކުރާ ހޭންޑްބޯޅަ ކޯޓަކީ 2021 ވަނަ އަހަރު އެޅި ކޯޓެކެވެ. އެތަން ހިޔާނުކޮށް އޮތުމުގެ ސަބަބުން ވިއްސާރަ އާއި އަވީގެ ސަބަބުން މެޗުތައް ކުރިޔަށް ގެންދިއުމަށް ދަތިވާ ވާހަކައަކީ އަބަދުވެސް ހޭންޑްބޯޅަ ކޮމިއުނިޓީން ފާހަގަ ކުރަމުން އައި ކަމެކެވެ.

މިނިސްޓަރ ރާފިއު ވިދާޅުވީ ހޭންޑްބޯޅަ ކޮމިއުނިޓީގެ ކަންބޮޑުވުންތަކަށް ހައްލުގެނައުމަށް މިނިސްޓްރީއާއި ގުޅިގެން މިދިޔަ އަހަރުންފެށިގެން ހޭންޑްބޯޅަ އެސޯސިއޭޝަނުން މަސައްކަތް ކުރަމުންދާކަމަށެވެ.