 
										
			ރާއްޖޭގައި އިތުރުވަމުން އަންނަ ދޮށީ ޢުމުރުގެ އާބާދީއާއެކު، ކެއިންބުއިމުގައި ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށް ފަރުމަކޮށްފައިވާ "ހައްޓަށް" ސީރީޒަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް އިޖުތިމާޢީ އަދި ޢައިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ. 
ވަޒީރު މިހެން ވިދާޅުވީ، "ހައްޓަށް" ސީރީޒް ތައްޔާރުކޮށް ގެނެސްދިނުމަށް އެވުޒާރާއާއި، ޔޫއެންއެފްޕީއޭއާއި، ޕީއެސްއެމްއާއި އެސްޓީއޯއާއެކު އެއްބަސްވުމެއް އެކުލަވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 
ރާއްޖޭގެ އާބާދީގައި ދޮށީ ޢުމުރުގެ މީހުންގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދާނެކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންވަނީ އަންދާޒާކޮށްފައެވެ. މިއާއެކު ދުޅަހެޔޮ މުޖުތަމަޢެއް ކަށަވަރުކުރުމަށް ސަރުކާރުން އަންނަނީ އެކި މަސައްކަތްތައް ކުރައްވަމުންނެވެ. 
މި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އަދި ޢައިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އިސްރަށްވެހީންގެ ނާދީތަކާއި އަދި އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ އިސްރަށްވެހީންގެ ފަރާތުންވެސް އެންމެ ބޮޑަށް ފާހަގަކުރާކަމަކީ، ދުޅަހެޔޮކަންމަތީ ތިބުމުގައި ކެއިންބުއިން ބައްޓަންކުރާނެ ގޮތްތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައްކަމަށެވެ. 
އެހެންކަމުން "ހައްޓަށް" މި ސީރީޒާއެކު ރާއްޖޭގެ ގިނަބަޔަކަށް ދުޅަހެޔޮކޮށް ފަސޭހައިން ލިބޭ ބާވަތްތަކުން ކާނާ ތައްޔާރުކޮށްލާނެ ގޮތް އެނގިގެން ދިޔުމުގެ ސަބަބުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މުހިއްމު މަސައްތަކަށްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 
"މިއީ އިސްރަށްވެހީންގެ އާބާދީ ކުރިއަށް އޮތްތަނުގައި އިތުރުވެގެން އަންނައިރު، އެބަދަލާއެކު އެކަމަށް ތައްޔާރުވުމަށް ކުރެވޭ މުހިއްމު މަސައްކަތެއް. ބަލިތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެއީ ކެއިންބުއިމާއި ވަރަށް ބޮޑަށް ގުޅިފައިވާކަމެއް. މިސީރީޒްއާއެކު ގިނަ ބަޔަކަށް މިމަޢުލޫމަތު ލިބިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
		
 
										
			މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންއެފްޕީއޭގެ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހީމް ވިދާޅުވީ، "ހައްޓަށް" ޕްރޮގްރާމް އިސްރަށްވެހީންނަށް އަމާޒުކޮށް ނާދީގައި ކުރިއަށްގެންދިޔައިރު އެފަރާތްތަކުގެ ތަރުހީބު ވަރަށް ބޮޑުކަމަށެވެ. އެހެންކަމުން ފަސޭހައިން ލިބޭ ބާވަތްތަކުން ހައްޓަށް ލުއި ހަށިހެޔޮކޮށޤ ތިބުމަށް ބާރުއަޅާ ކާނާ ތައްޔާރުކުރާނެ ގޮތް މިސީރީޒްއިން އެނގިގެންދާނެކަމަށް ވިދާޅުވިއެވެ.
"އާންމުކޮށް ވިސްނިފައި އޮންނަނީ ސިއްޙަތަށް ވިސްނަންޖެހެނީ ނުވަތަ ބަލިތައް ޖެހެނީ 65 އަހަރުން މަތި ވީމައޭ. އެހެންނަމަވެސް ޢުމުރުން އެހިސާބަށް ނުދިޔަނަމަވެސް ހަށިގަނޑަށް ރަނގަޅުކާނާ އެބަ ފޯރުކޮށްދޭންޖެހޭ." ޝާދިޔާ ވިދާޅުވިއެވެ.
ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް ކެއިންބުއިން ބައްޓަކުރާނެގޮތް ފަރުމާކޮށް ތައްޔާރުކުރާ "ހައްޓަށް" ޓީވީ ސީރީޒް ތައްޔާރުކޮށް ގެނެސްދިނުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއި ޔޫއެންއެފްޕީއާއި، ޕީއެސްއެމްއާއި އެސްޓީއޯއާއި ދެމެދުވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިއެއްބަސްވުމުގައި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢައިޝަތު ޝިހާމެވެ. ޔޫއެންއެފްޕީގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހީމްއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީންއެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ  ޑިރެކްޓަރ އޮފް ކޯޕަރޭޓް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް އަޙްމަދު ޝިފާންއެވެ. 
މިސީރީޒްގެ ދަށުން 13 އެޕިސޯޑުގެ މައްޗަށް އެކުލެވޭ ސީރީޒެއް ތައްޔާރުކޮށް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ދުޅަހެޔޮކޮށް ހުރުމަށް އަށަގެންނެވިދާނެ އާދަތަކާއި އަދި ކެއުމުގައި އެކި ބާވަތްތައް ތައްޔާރުކުރާނެ ގޮތްތަކާއި އެކި މަޢުލޫމާތު ހިމެނޭނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.