ނިރުބަވެރިކަމާއި، ދީނީ ގޮތުން ހައްދުފަހަނައަޅައިދިއުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން، އައިއެމްސީޓީސީގެ އެހީތެރިކަމާއެކު ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖޭގައި ޚާއްސަ ޕްރޮގުރާމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ނިރުބަވެރިކަމަކީ ނުބައިި ފިކުރީ ބައްޔެއް ކަމަށެވެ. އެ ބައްޔަށް އޮތް ފަރުވާއަކީ އިސްލާމީ ޝަރިޢަތާއި އެއްގޮތަށް މަޢުލޫމާތު ފަތުރައި، ހޭލުންތެރިކަން އިތުރުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ނިރުބަވެރިކަމާއި ދީނީ ގޮތުން ހައްދުފަހަނަ އަޅައި މީހުންނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އަދި ނިރުބަވެރިކަމާ ދެކޮޅަށް އައިއެމްސީޓީސީއާއި ރާއްޖެއާ ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އިސްލާމް ދީނަކީ އަމާންކަމާއި ސުލްހަމަސަލަސް ކަމުގެ ދީން. އެންމެ މީހެއްގެ ފުރާނަ ސަލާމަތްކުރުމަކީވެސް އެއީ ވަރަށް މުހިންމު އަދި މާތް ކަމެއް. އެންމެ މީހެއްގެ ފުރާނަ ސަލާމަތްކުރުން މުޅި އިންސާނިއްޔަތު ސަލާމަތްކުރުމާ އެއްފަދަ. އިސްލާމް ދީނަކީ ލޭ އޮހޮރުވުމާއި އަނިޔާވެރިކަމުގެ ދީނެއް ނޫން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ނިރުބަވެރިކަމާއި ޖިހާދުގެ ތަފާތު ވަރަށް ރަނގަޅަށް ދަންނަންޖެހޭ ކަމަށެވެ. ޖިހާދުގެ ހިކުމަތަކީ ޤައުމަކާއި ބަޔަކު ސަލާމަތްކުރުން ކަމަށާއި ހުރިހާ ގޮތަކުންވެސް ނިރުބަވެރިކަން އިސްލާމް ދީނުގައި މަނާކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން، އައިއެމްސީޓީސީއާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގުޅިގެން ދަނީ ރާއްޖޭގައި ނިރުބަވެރިކަމާއި ހައްދުފަހަނައަޅައި ދާ މީހުންނާ ދެކޮޅަށް ޚާއްސަ ޕްރޮގުރާމެއް ހިންގަމުންނެވެ. މި ޕްރޮގުރާމްގެ ދަށުން ކަމާ ބެހޭ ފަރާތްތައް ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައިއެމްސީޓީސީއަކީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އިސްނަގައިގެން ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދަވާފައިވާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާއިން ރާއްޖެ ހިމެނޭހެން 42 މެންބަރު ޤައުމު އޮވެއެވެ. އަދި އެ ޖަމްޢިއްޔާއިން ދަނީ ނިރުބަވެރިކަން ހުއްޓުވުމަށް މެންބަރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.