ބައިނަލްއަޤުވާމީ އެކި ބޭންޑުތަކުން ބައިވެރިވާ، ބެޓަލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލްގެ ފަޚުރުވެރި ތިންވަނަ ދިވެހި ބޭންޑް "ޓޫ އޮފް އަސް" އިން ހޯދައިފިއެވެ.
"ޓޫ އޮފް އަސް" ބޭންޑުން މުބާރާތުގައި ހުށަހެޅި ހުރިހާ ހުށަހެޅުމަކަށްވެސް ޖަޖުންނާއި ބެލުންތެރިންނާއި ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" މުބާރާތުގެ ފިނާލޭގެ ކުރިން "ޓޫ އޮފް އަސް"އިން ބުނެފައިވަނީ ސްޓޭޖް މަތީގައި މަދު ބައެއް ތިބި ނަމަވެސް އެ ބޭންޑުން ތަމްސީލު ކުރަނީ މުޅި ދިވެހި ގައުމު ކަމަށެވެ. ބޭންޑުން ބުނީ ހުވަފެނެއް ދެކި، އެކަން ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކޮށްފިނަމަ، ކާމިޔާބުވާނެކަން މިހާރު ހާމަވަމުންދާ ކަމަށެވެ.
ބެޓަލް އޮފް ދަ ބޭންޑްސް އިންޓަރނެޝަނަލްގެ މިމުބާރާތުގައި އެކި ޤައުމުތަކުން 12 ބޭންޑެއް ވާދަކުރިއެވެ. މިމުބާރާތުގެ ގްރޭންޑް ފިނާލޭއާ ހަމައަށްވެސް ރާއްޖެއިން ވާދަކުރި ޓޫ އޮފް އަސްއިން ހުށަހެޅި ހުށަހެޅުންތަކަކީ ސްޓޭޖް ގުޑުވާލާ އެންމެންގެ ލޭ ކައްކާލާ ފަދަ ލަވަތަކެކެވެ. އަދި މިލަވަތަކަށް ޖަޖުންގެ ބޮޑު ތަރުހީބެއްވަނީ ލިބިގެންގޮސްފައެވެ.
މިބޭންޑުގެ ހުނަރުވެރިކަން ހުރިހާ ޖަޖުންވެސް ފާހަގަކުރެއެވެ. އެގޮތުން، އިންޑިއާގެ މިޔުޒިކް އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް މިޔުޒިކް ކޮމްޕޯސަރު ކަމަށްވާ އަނޫ މަލިކްވެސް ވަނީ ޓޫ އޮފް އަސް އަކީ މިފަހުން އޭނާއަށް ފެނުނު އެންމެ ހުނަރުވެރި ބޭންޑު ކަމަށް ބުނެފައެވެ. އަދި ބޭންޑުގައި ހިމެނޭ ފަންނާނުންގެ ހުނަރުތަކަށް އޭނާވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
ޓޫ އޮފް އަސްގެ މިހުށަހެޅުންތަކަށް އާންމުންގެ ގިނަ ބައެއްގެ ތަރުހީބުގެ މެސެޖްތައް އެކި ޕްލެޓްފޯމްތަކުގައި މިބޭންޑަށްވަނީ އޮއްސާލާފައެވެ. މިމުބާރާތުގެ ގްރޭންޑް ފިނާލޭގައި ޓޫ އޮފް އަސްއިން ހުށަހަޅާދިނީ ދިވެހީންގެ ޤައުމީވަންތަ ލަވައެކެވެ. އެގޮތުން "އެހެރީ ދިވެހި ނިޝާން" މިލަވަ އެބޭންޑުން ހުށަހަޅާދިނީ މިލަވައާއި މީގެ ހިންދީ ލަވަ އެއްކޮށްގެންނެވެ. މިލަވައަށްވެސް ފަނޑިޔާރުންވަނީ ވަރަށްބޮޑަށް ތަޢުރީފްކޮށްފައެވެ. ފަނޑިޔާރުން ބުނެފައިވަނީ ޓޫ އޮފް އަސްއިން އެފަނޑިޔާރުން ރޮއްވާލައިފިކަމަށެވެ.
ބައިނަލްއަގުވާމީ މިފަދަ ޕްލެޓްފޯމެއްގައި ދިވެހި ބޭންޑު، "ޓޫ އޮފް އަސް" ރާއްޖެ ތަމްޞީލުކޮށް ހޯދި މިކާމިޔާބީއާ ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު މުމްބާއިއަށް ވަޑައިގެން އެ ބޭންޑާ ބައްދަލުކުރައްވައި އެބޭންޑަށް މަރުހަބާ ކިޔާފައެވެ.
ޓޫ އޮފް އަސްއިން ހޯދި މިކާމިޔާބީއަކީ މިހާތަނަށް ދިވެހި ބޭންޑެއް މިފަދަ ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި ބައިވެރިވެ ހޯދި މިފަދަ އެންމެ ބޮޑު ކާމިޔާބީއެވެ.