އިންސާނީ ކަރާމާތް ޙިމާޔަތްކޮށް، ޢަދުލު އިންސާފު ކުރިއެރުވުމުގައި މިނިވަން ނޫސްވެރިކަން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި މިއަހަރުގެ ޝިޢާރުކަމުގައިވާ "ރިޕޯޓިންގ އިން ދަ ބްރޭވް ނިއު ވޯލްޑް: ދަ އިމްޕެކްޓް އޮފް އާޓިފިޝަލް އިންޓެލިޖެންސް އޮން ޕްރެސް ފްރީޑަމް އެންޑް ދަ މީޑިއާ" މި ޝިޢާރަށްވަނީ އަލިއަޅުއްވާލައްވަވާފައެވެ.
އެގޮތުން ޑިޒިންމާދާރުކަމާއެކު ބޭނުންކުރެވޭނަމަ އާޓިފިޝަލް އިންޓެލިޖެންސް، ނުވަތަ އޭއައިއަކީ ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ވަޞީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭއައި ނުރަނގަޅު ގޮތުގައި ބޭނުންކުރެވޭނަމަ އޭގެން އެ މުޖުތަމަޢުއެއްގެ ތެރޭގައި ފިތުނަ ފަސާދައާއި ދޮގު މަޢޫލޫމާތު ފެތުރުމުގެ ފުރުޞަތުވެސް އިތުރުވެގެންދާކަމަށާއި، އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފާ، އަދި ކުރިއަރުވާ ބަޔަކަށްވުމަށް މަސައްކަތްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މިނިވަން ޒިންމާދާރު ނޫސްވެރިކަމަކަށް ޖާގަދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ކުރިއަށްދާނެކަމަށެވެ.
ރައީސްގެ ޕޯސްޓުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޞައްޙަ އަދި އިތުބާރުހުރި ގޮތެއްގައި މަޢުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ހިތްވަރަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި ޑިމޮކްރެޓިކް މުޖުތަމަޢުތަކުގެ ކުރިއެރުމާއި ދުޅަހެޔޮކަން ކަށަވަރުކޮށް، އިންސާނީ ކަރާމާތް ޙިމާޔަތްކޮށް، ޢަދުލު އިންސާފު ކުރިއެރުވުމުގައި، ނޫސްވެރިން އަދާކުރާ ދައުރަކީވެސް މުހިންމު ދައުރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
This year’s #WorldPressFreedomDay and its theme, “Reporting in the Brave New World: The Impact of Artificial Intelligence on Press Freedom and the Media”, firstly reminds us of the integral role a free and credible press plays in disseminating truthful information to the public.… pic.twitter.com/zCBSy62UdE
— Dr Mohamed Muizzu (@MMuizzu) May 2, 2025
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ނެރޭ އިންޑެކްސްގައި ރާއްޖެއިން މިއަހަރު ވަނީ ދެ ދަރަޖައިގެ ކުރިއެރުމެއްވެސް ހޯދާފައެވެ. މި ލިސްޓުގައި ރާއްޖެ މިހާރު އޮތީ 104 ވަނައިގައެވެ.