ކުޅިވަރު

ވައިޕީ ވެޓެރަންސް ފުޓްސަލް: އެންމެ ފަހުގެ ޗެމްޕިއަން ފެށީ މޮޅަކުން


ޔަންގް ޕްލެޔަރސް ސްޕޯޓްސް ކުލަބާއި އއ. ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ރިލެކްސް ފެރީ ސަރވިސް ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗު އެންމެ ފަހުގެ ޗެމްޕިއަނުން ކޭކޭ ކަނޑުމަތިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ވެޓެރަންސް ކުޅުންތެރިންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިމުބާރާތުގެ ކުޅުން ރޭ ފެށީ ކޭކޭ ކަނޑުމައްޗާއި އއ. މަތިވެރިއަށް ނިސްބަތްވާ ރޯޔަލް ނައިޓްސް ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުންނެވެ. މިމެޗު ކަނޑުމަތި ކާމިޔާބުކުރީ ހަތެއް އެކަކުންނެވެ.

މިމެޗުގައި ކަނޑުމަތި ޓީމުގެ ހަސަން ސޮލާޙް އާއި އިބްރާހިމް ޝަފްރާޒް ވަނީ ހެޓެރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ހަސަސް ސޮލާޙްއެވެ.

ރޯޔަލް ނައިޓްސް އިން މިމެޗުގައި ޖެހި ދެ ލަނޑުވެސް ޖަހާދީފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު އަފިއަންސްވެސް ވަނީ ފަސޭހަ މޮޅެއް ހޯދާފައެވެ. އެފް.ސީ މަތިވެރި އާއި ބައްދަލުކުރި މިމެޗު އަފިއަންސް ކާމިޔާބުކުރީ ނަވައެއް ސުމަކުންނެވެ. ވެޓަރަންސް މުބާރާތެއް ނަމަވެސް އަފިއަންސް ޓީމުން ފެނިގެންދިޔައީ މިހާރުވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ފުޓްސަލް ކުޅޭ ކުޅުންތެރިންނެވެ.

މިމެޗުގައި އަފިއަންސްގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް މިދުހަތު ފަހުމީ (ބިޗަރޑްސް)، މުހައްމަދު ފާސިރު (ފާއްޓޭ)، މުހައްމަދު އަޔާޒް، މުހައްމަދު ލިޔާޙް، މުހައްމަދު ރިއްފަތު އަދި އަލީ ނަދީމްއެވެ.

ވައި.ޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގެ ޗެއަރ އަބްދުﷲ ރިފާޒް ބުނީ މިމުބާރާތުގެ ކުޅުން ފެށިގެންދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި އަހަރަކަށްވުރެ އަހަރެއް މުބާރާތުގެ ފޯރިވެސް ގަދަވަމުންދާ ކަމަށެވެ.

ރިފާޒް ބުނީ މިއީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ފުޓްސަލް ކުޅެފައިވާ ކުޅުންތެރިން މިމުބާރާތުން ފެންނަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށާއި މިއަހަރު ގިނަ ތަރިންތަކެއް ޓީމުތަކުން ފެނިގެންދިއުމަކީ މުބާރާތުގެ މަގްބޫލްކަން އިތުރުވެގެންދާ ކަމެއް ކަމަށެވެ.

މިމުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ސީދާ ފައިނަލުން ޖާގަ ލިބޭގޮތަށެވެ. އަދި ފައިނަލް ޕްލޭއޯފް މެޗުގައި ދެވަނަ އާއި ތިން ވަނަ ވާދަކޮށް މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.