ޚަބަރު

ޑިފެންސް މިނިސްޓަރ އެސްސީ ޖޯޝީއާ ބައްދަލުކުރެއްވުން


މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު، އިންޑިއާ އަސްކަރިއްޔާގައި މަސައްކަތް ކުރެއްވި ބްރިގޭޑިއަރ ރިޓަޔަރޑް އެސްސީ ޖޯޝީ އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރ ވަނީ ބްރިގޭޑިއަރ ރިޓަޔަރޑް އެސްސީ ޖޯޝީ، ރާއްޖެ ވަޑައިގަތުމަށް އެރުވި ދަޢުވަތު ޤަބޫލުކުރައްވާ ވަޑައިގެންދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި 1988 ނޮވެމްބަރު 03 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގައި އެދުވަހު ކަންތައްތައް ދިމާވި ގޮތާ ބެހޭ ގޮތުން ބްރިގޭޑިއަރ ރިޓަޔަރޑް އެސްސީ ޖޯޝީވަނީ ޑިފެންސް މިނިސްޓަރާއެކު މަޢުލޫމާތު ޙިއްސާ ކުރައްވާފައެވެ. އަދި ބްރިގޭޑިއަރ ރިޓަޔަރޑް އެސްސީ ޖޯޝީ އިންޑިއާ އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދުވަސްވަރާ ގުޅޭ ގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. ބްރިގޭޑިއަރ ރިޓަޔަރޑް އެސްސީ ޖޯޝީ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ބްރިގޭޑިއަރ ރިޓަޔަރޑް އެސްސީ ޖޯޝީ، އަކީ 1988 ނޮވެމްބަރު 03 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގައި ދިވެހި ރާއްޖެއަށް އެހީވުމަށް އައި އިންޑިއާ އަސްކަރިއްޔާގެ ލަޝްކަރުގެ ކޮމާންޑަރެވެ. އޭރު ބްރިގޭޑިއަރ ރިޓަޔަރޑް އެސްސީ ޖޯޝީ، ހުންނެވީ ކާނަލެއްގެ މަޤާމުގައެވެ.