ޚަބަރު

ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަނީ


  • ކްލިނިކް ހިނގުމަށް ދޫކުރާ ޔުނިޓަކީ 669.3 އަކަފޫޓުގެ ބިމެއް

  • ދޫކުރަން ނިންމާފައިވަނީ ދިހަ އަހަރުގެ މުއްދަތަކަށް

ކ. ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

އިޤްތިޞާދީ ހަބެއްގެ ގޮތުގައި ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ތިލަފުށީގައި ދަނީ ގިނަ މަޝްރޫއުތަކެއް ހިނގަމުންނެވެ. އެގޮތުން މި މަސައްކަތްތައް ކުރުމަށްޓަކައި ގިނަ ބަޔަކު ތިލަފުށީގައި މަސައްކަތްކުރަމުންދެއެވެ. އެ ފަރާއްތަކަށް ބޭނުންވާ ބޭހާ ސިއްހީ ފަރުވާ އެތަނުން ލިބުމަކީ މުހިންމު ކަމެކެވެ،

އެޗްޑީސީއިން މިހާރު ވަނީ ތިލަފުށީގައި ކްލިނިކެއް ހިނގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައެވެ. ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީއިން ވިދާޅުވީ މި ކްލިނިކަކީ ތިލަފުށީގައި މަސައްކަތްކުރާ ފަރާއްތަަކަށް ބޭނުންވާ ސިއްހީ ފަރުވާއާއި ބޭނުންވާ ބޭސް ފޮރުކޮށްދިނުމުގެ ގޮތުން ހަދާ ކްލިނިކެއްކަމަށެވެ. އެގޮތުން ތަރައްޤީކޮށްފައިވާ އިމާރާތަކީ ޑޮކްޓަރަށް ދެއްކުމަށް ބޭނުންކުރެވޭ ކޮޓަރިއަކާއި ބޭސް ފިހާރައެއް ހިނގޭނެ ގޮތައް ހަދާފައިވާ އިމާރާތެއްކަމަށެވެ.

" މިހާރު އިމާރާތް ހުރީ ހަދާ ނިމިފައި. އެތަނަކީ ކޮންސަލްޓަންޓް ރޫމަކާއި ބޭސް ފިހާރައެއްވެސް ހިނގޭނެ ގޮތައް ހަދާފައި ހުރިތަނެއް. މިހާރު އިއުލާން މި ކުރި ހިނގާނެ ބަޔަކު ހޯދަން" އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީއިން ވިދާޅުވީ ކްލިނިކް ހިނގުމަށް ދޫކުރާ ޔުނިޓަކީ 669.3 އަކަފޫޓުގެ ބިމެއް ކަމަށެވެ. އަދި މިތަން ދޫކުރަން ނިންމާފައިވަނީ ދިހަ އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެގޮތުން، ފުރަތަމަ ދެ އަަހަރުގެ ކުއްޔަކީ މަހަކު ކޮންމެ އަކަފޫޓަކަށް 17.5 ރުފިޔާ ކަމަށްވާއިރު، މަހަކަށް ޖުމުލަ 11،712.75 ރުފިޔާ ދައްކަންޖެހޭނެއެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވީ ތިން އަހަރާއި ފަސް އަހަރާ ދެމެދު މަހަކު ދައްކާނެ ކުލި ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެކަމަށް އެދި ބިޑު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަތަރެެއްގެ މެންދުރު ފަހު 14:00ގައި ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލުވުމެއްގައި ކަމަށްވާއިރު، ބިޑާ ގުޅޭ ސުވާލުކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތެއް މެންދުރު ދޭއްގެ ކުރިއެވެ.

ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީފައި އެތައް ހާދިސާތަކެއް ހިނގައެވެ. ނަމަވެސް، ފަރުވާ ދޭނެ ތަނެއް ނުހުންނާތީ ގެންނަން ޖެހެނީ މާލެއަށެވެ. އެހެންނަމަވެސް މި ގާއިމް ކުރެވޭ ކްލިނިކާއެކު މިކަމަށް ހައްލު ލިބިގެންދާނެވެ.