ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގައި ކޮޅަށް ހުރި ހުރިހާ އިމާރާތެއް ސުންނާފަތިކޮށް ބިމާ ހަމަކުރަމުންދާ ކަން އެ ރަށުގެ އަހުލުވެރިން ހާމަކޮށްފިއެވެ. އެ މީހުން ބުނީ، އެ ރަށުގެ ހުރިހާ އިމާރާތްތައް ސުންނާފަތިކޮށް، އެ ރަށުގެ މެދުގައި އޮތް ކޭމްޕަކަށް ހުރިހާ ރައްޔިތުން ޖަމާވުމަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން މަޖުބޫރު ކުރުވަމުންދާ ކަމުގައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,600އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
ރަފަޙުގެ ބޮޑު ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ވަނީ އަތްގަދަ ކޮށްފައެވެ. ރަފަޙުގައި ދިރިއުޅޭ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެއީ ބަފަރ ޒޯނެއްގެ ގޮތުގައި ނުވަތަ ސަލާމަތީ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާނެ ކަމުގައި ޔަހޫދީ ފައުޖުން ވަނީ ބުނެފައެވެ. މި ގޮތަށް ޔަހޫދީ ފައުޖުން ޣައްޒާގެ ބިންތައް ފޭރިގަންނަމުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށެވެ. ނަމަވެސް، މި ޖަރީމާތަކަކީ އެމެރިކާގެ ފުރިހަމަ ތާޢީދާއި އެއްބާރުލުމާ އެކު ހިންގަމުންދާ ޖަރީމާތަކެކެވެ. ޣައްޒާ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
މާރިޗު 2ވަނަ ދުވަހަށް ފަހު ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. މިއީ، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ. އަދި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ހަނގުރާމައިގެ ކުށެކެވެ. ނިރުބަވެރި ނަތަންޔާހޫގެ ބޭނުމަކީ ޣައްޒާގެ 2.3 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖެއްސުމެވެ.
ރަަފަޙަކީ ޣައްޒާ ޢުދުވާން ފެށުމުގެ ކުރިން 300,000އަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދިޔަ ރަށެކެވެ. އެ ރަށުގެ ރައްޔިތުން ބުނީ، ގިނަ އަދަދެއްގެ ބަޔަކު އެ ރަށުގެ މެދުގައި އޮތް ކޭމްޕަކަށް ޖަމާ ކޮށްފައިވާ ކަމުގައެވެ. އަދި، ރަށުގެ ތެރެއިން ބޮޑެތި ގޮވުންތަކެއްގެ އަޑު، މެދުކެނޑުމެއް ނެތި އިވެމުންދާ ކަމުގައެވެ. އެއީ، ގޮވާތަކެތި ބޭނުން ކޮށްގެން ރަފަޙުގައި ކޮޅަށް ހުރި އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަކުރަމުންދާ އަޑު ކަމުގައި އެ މީހުން ބުންޏެވެ.
"ދުވާލާއި ރޭގަނޑު ވެސް ގޮވުންތަކަށް ނިމުމެއް ނެތް، މުޅި ބިންގަނޑު ދަނީ ގުގުމައިގެން، އަޅުގަނޑުމެންނަށް އިނގޭ، އެ މީހުން [ޔަހޫދީ ފައުޖުން] އަޅުގަނޑުމެންގެ ގެދޮރު ސުންނާފަތި ކުރަމުންދާ ކަން. ރަފަޙެއް ނެތް،" ދަޔިރް އަލް-ބަލަހްގެ ކޭމްޕެއްގައި ދިރިއުޅެމުންދާ ތާމިރު ކިޔައިދިނެވެ.
"އަޅުގަނޑުމެން އެންމެ ޖެހިލުންވާ ކަމަކީ، ރަފަޙުގައި ބިނާ ކޮށްފައިވާ ކޭމްޕަށް ދިޔުމަށް އަޅުގަނޑުމެންނަށް މަޖުބޫރު ކޮށްފާނެތީ. އެއީ، މުޅި ދުނިޔެއާ ވަކި ކޮށްލާފައި އޮތް ތަނެއް، އެއީ ޖަލެއް ފަދަ ކޭމްޕެއް،" ރަފަޙްގެ ރައްޔިތެއް ކަމުގައިވާ އަބޫ މުޙައްމަދު ބުންޏެވެ.
ކާބޯތަކެތީގެ އިތުރުން އިންސާނީ އެހީގެ ސާމާނާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ ޣައްޒާއަށް އެތެރެ ކުރުމަށް ވެސް އަނިޔާވެރި ނަތަންޔާހޫ ވަނީ ހުރަސް އަޅާފައެވެ. އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުން ބުނީ، ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ހައިހޫނުގައި ޖެހިފައިވާ ކަމުގެ ބިރު އޮތް ކަމުގައެވެ. އަދި، ޞިއްޙީ ފަރުވާ ހޯދޭނެ ގޮތެއް ނެތް އިރު، ބަލިތައް ޢާންމުވަމުންދާ ކަމުގައެވެ.
ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ މެދުކެނޑުމެއް ނެތި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. މި ގޮތުން، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 44އަށް އުފުލިފައެވެ. އޭގެ ތެރޭގައި 10 ވަރަކަށް ކުޑަކުދިން ހިމެނޭއިރު، ފަސް ކުދިން ޝަހީދު ކޮށްލާފައި ވަނީ ޑްރޯން ޙަމަލާއެއްގައެވެ.