ކުޅިވަރު

ރުޑިގާ، ރެފްރީގެ ކިބައިން މައާފަށް އެދެފި


ރެއާލް މެޑްރިޑުގެ ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އޭނާ އަށް ކުރެވުނު ކުށަށް ސްޕޭނުގެ ރެފްރީގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ކޮޕާ ޑެލްރޭ ފައިނަލްގައި ބާސެލޯނާ އަތުން ރެއާލް 3-2އިން ބަލިވި މެޗުގައި ރުޑިގާ އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާ ބެންޗުގައި އިންދަ އެވެ. ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މެޗުގެ 111 ވަނަ މެޗުގައި ބަދަލުކުރި ކުޅުންތެރިޔާ އަށް ރަތްކާޑު ދެއްކީ އެ މެޗުގެ ރެފްރީއާ ދިމާލަށް އައިސް ކިއުބެއް އެއްލާލުމުންނެވެ.

މި މެޗުގެ ރެފްރީ ރިކާޑޯ ޑި ބާގޯސް ބެންގޯޓްޒީ އޭނާގެ ރިޕޯޓްގައި ބުނެފައިވަނީ ރުޑިގާ އަށް ރަތްކާޑު ދެއްކީ ޓެކްނިކަލް އޭރިޔާގެ ތެރޭގައި ހުރެފައި އެއްޗެއް އެއްލުމުން ކަމަށެވެ. އަދި 32 އަހަރުގެ ޑިފެންޑަރު އެއްލި އެތިން ދިޔައީ އޭނާގެ ގައިގަ ނުޖެހި ކަމަށެވެ.

ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މި މައްސަލަ ބަލާ ނިމޭއިރު ރުޑިގާ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން އެކަށީގެންވެ އެވެ. އެ ފެޑަރޭޝަނުގެ ހަވާއިދުގެ 101 ވަނަ މާއްދާގައިވަނީ ރެފްރީއާ ދިމާކޮށް މެދުމިނުގެ ހަމަނުޖެހުމެއް ހިންގައިފިނަމަ ހަތަރެއް ނުވަތަ 12 މެޗަށް ސަސްޕެންޑްކުރެވިދާނެ ކަމަށެވެ. އަދި މި ގަވާއިދުގެ 104 ވަނަ މާއްދާގައިވަނީ ކުޅުންތެރިއަކު ރެފްރީއަށް ގޯނާ ކުރުމަށް ކުރާ އަމަލެއްގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ތިން މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރެވިދާނެ ކަމަށެވެ. އަދި މި ފަދަ އަމަލެއް ހިންގުމުގެ ސަބަބުން ރެފްރީ އަށް އަނިޔާވެ، މެޗު މެދުކަނޑާލައި، ނުވަތަ ހުއްޓާލުން ފަދަ ކަމެއް ދިމާވެއްޖެނަމަ އެ ކުޅުންތެރިޔާ އަށް ހަ މަސް ދުވަހާއި އެއް އަހަރާ ދެމެދުގެ އަދަދަށް ވެސް ސަސްޕެންޑްކުރެވިދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރުޑިގާ ބުނީ އޭނާ އަށް މެޗުގެ 111 ވަނަ މިނިޓްގެ ފަހުން ޓީމަށް އެހީތެރި ނުވެވުން ހުރީ މާޔޫސް ވެފައި ކަމަށާއި އޭގެ ފަހުން އޭނާގެ އަމަލުތައް އިމުން ބޭރަށް ދިޔައީ މިހެންވެ ކަމަށެވެ.

"އަހަރެންނަށް ކަންތައްތައް ކުރެވުނީ އެންމެ ރަނގަޅަކަށްނޫން. އަހަރެން ރެފްރީގެ ކިބައިން މައާފަށް އެދެން. އަހަރެން ކުރަންޖެހޭ ކަމެއް ނޫން އެކުރެވުނީ. އަހަރެންގެ ލޭ ހޫނުވެ ކޮންޓްރޯލުން ނެއްޓިގެން ނުވާނެ. އެކަން ކުރެވުނީ ޓީމު މޮޅުވާން ބޭނުންވި ވަރުން އަދި އަހަރެންނަށް ޓީމަށް އެހީވާން ދަނޑުމަތީގައި ނުހުރުމުން. އެކަމަކު މިއީ އަހަރެން އެފަދަ ގޯސްކަމެއް ކޮށްގެންވާނެ ސަބަބެއްނޫން. އަހަރެން އަދިވެސް އެއް ފަހަރު ރެފްރީ އާއި އަހަރެންގެ އަމަލުތަކުގެ ސަބަބުން މާޔޫސްވި އެންމެންގެ ކިބައިން މައާފަށް އެދެން،" ރުޑިގާ ބުންޏެވެ.

ރުޑިގާ ރުޅި ގަދަވެގެން ރެފްރީ ގައިގަ ޖަހަން އައިސް ކިއުބް އެއްލާނީ މެޗުގެ 116 ވަނަ މިނިޓްގައި ރެއާލްގެ ކީލިއަން އެމްބާޕޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ހުސްކޮށް ގޯލަށް ޖަހަން އުޅެނިކޮށް ބާސެލޯނާގެ އެރިކް ގާސިއާ ފަހަތުން ކުރި ޓެކްލް އަށް ޕެނަލްޓީ ނުދިނުމުންނެވެ.

މި މެޗުގެ ކުރިން ވެސް ރެފްރީންނާއި ރެއާލްއާ ދެމެދު އޮތީ މައްސަލަ ޖެހިފަ އެވެ. އެއީ ރެއާލް މެޑްރިޑް ޓީވީން މެޗުގެ ރެފްރީ އާއި ވީޑިއޯ އެސިސްޓެންޓް ރެފްރީ މީގެ ކުރިން ހަދާފައިވާ ގޯސްތައް އާއްމުކޮށް ދައްކައި ފާޑުކިޔަން ފެށުމުންނެވެ. މިކަމާ ގުޅިގެން މެޗުގެ ކުރީ ދުވަހު ރެފްރީން ވަނީ ޕްރެސް ކޮންފަރެންސްއެއް ދީފަ އެވެ. އަދި ބުނެފައިވަނީ އެމީހުން ވަކި ޓީމަކަށް ފައިދާވާގޮތަށް މަސައްކަތް ނުކުރާ ކަމަށާއި އަދި ހަގީގަތާ ހިލާފު ވާހަކަ ދައްކައި ރުޅިވެރިކަން ފަތުރަން މަސައްކަތް ކުރަނީ ކަމަށެވެ.

މިކަމާ ގުޅިގެން ރެއާލްއިން ވަނީ މި މެޗުގެ ރެފްރީން ބަދަލުކޮށްދޭން ސްޕޭން ފުޓްބޯޅަ ފެޑަރޭޝަނުގައި އެދިފަ އެވެ. އެކަމަކު މި ހުށަހެޅުން ގަބޫލުނުކޮށް ފެޑަރޭޝަނުން ބުނީ ރެއާލް އުޅެނީ މޮޔަހީވެގެން ކަމަށެވެ. އަދި ރެފްރީންގެ ކަރާމާތާއި އެމީހުންގެ ޕްރޮފެޝަނަލްކަން ހިފެހެއްޓުމަށްޓަކައި މިގޮތަށް ސަބަބެއްނެތި ހުށަހަޅާ ހުށަހެޅުންތަކަށް އަމަލު ނުކުރާނެ ކަމަށެވެ. ރެއާލްގެ ޓީވީން ދެއްކި މަންޒަރުތަކާ ބެހޭ ގޮތުން އެ ކުލަބުން ބުނީ އެއީ މީޑިއާގެ މިނިވަންކަން ކަމަށެވެ.