ޚަބަރު

ކަރަންޓު ކެނޑި ސްޕެއިންނާއި ޕޯޗުގަލް ހުއްޓުމަކަށް، ސައިބަރ ޙަމަލާއެއް ކަމަށް ބެލެވޭ


ސްޕެއިންއާއި ޕޯޗުގަލްގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި ދެ ޤައުމު ހުއްޓުމަކަށް އައިސްފިއެވެ.

މެޑްރިޑާއި ލިޒްބަން ހިމެނޭ ގޮތަށް ދެ ޤައުމުގެ މައި ސަރަޙައްދުަތަކުން ކަރަންޓު ކެނޑިފައި ވަނީ ޖީއެމްޓީ ގަޑިން ހެނދުނު 11:33ގައެވެ. ސްޕެއިނާއި ޕޯޗުގަލްގެ އިތުރުން ފަރަންސޭސިވިލާތާއި އަންޑޯރާގެ ބައެއް ސަރަޙައްދުތަކުން ވެސް ކަރަންޓު ކެނޑިފައިވެއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ދެ ޤައުމުގެ ދަތުރުފަތުރުގެ ނިޒާމުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ ގޮތުން މެޓްރޯ ދަތުރުތަކާއި ރޭލު ދަތުރުތައް ވަނީ މެދުކެނޑިފައެވެ. ޓްރެފިކް ލައިޓުތައް ވެސް މަސައްކަތް ކުރުން ހުއްޓިފައިވާ އިރު އޭގެ ސަބަބުން މަގުތައް ވަނީ ބާރުބޮޑުވެ ތޮއް ޖެހިފައެވެ. ލިޒްބަނާއި ޕޯޓޯގެ އިތުރުން ފާރޯގެ ވައިގެ ބަނދަރުތަކުގައި މަސައްކަތް ކުރަމުން ދަނީ އެމަޖެންސީ ޖެނެރޭޓަރުތައް ޖައްސައިގެންނެވެ. ގިނަ ޢަދަދެއްގެ ފްލައިޓުތައް ވަނީ ލަސްވެފައެވެ.

އޭގެ އިތުރުން ދެ ޤައުމުގެ ހަސްފަތާލުތަކުގައި ޙާލު ބޮޑު ބަލި ބޮޑު މީހުން ކޮންމެހެން ވަގުތުން ވަގުތަށް ކުރަންޖެހޭ އޮޕަރޭޝަންތައް ކުރަމުން ދަނީ ބެކްއަޕް ޖެނެރޭޓަރުތަކުގެ އެހީގައި ކަރަންޓު ފޯރު ކޮށްދީގެންނެވެ. ކުުއްލިއަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން ވަނީ ލިފްޓުތަކުގައި އާއި މެޓްރޯ ނިޒާމުގެ ތެރޭގައި ތާށިވެފައެވެ. ދެ ޤައުމަށް ވަނީ ކަނު އަނދިރިކަން ވެެރިވެފައެވެ.

ސްޕެއިންގެ ކަަރަންޓުގެ ޚިދުމަތް ފޯރު ކޮށްދޭ ރެޑް އެލެކްޓްރިކާއާއި ޕޯޗުގަލްގެ އާރުއީއެނުން ދަނީ ކަރަންޓުގެ ޚިދުމަތް ރުޖޫޢަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުަރަމުންނެވެ. ކާމިޔާބުކަމާއެކު ކަރަންޓުގެ ޚިދުމަތް އަލުން ދިނުމަށް ހަ ގަޑިއިރާއި ދިހަ ގަޑިއިރާ ދެމެދުގެ ވަގުތު ހޭދަ ވުން އެކަށީގެންވާ ކަމަށް އެ ކުންފުނިތަކުން ދަނީ ބުނަމުންނެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ރެޑް އެލެކްޓްރިކާގެ ކޮންޓްރޯލު މަރުކަޒަށް ޒިޔާރަތް ކުރައްވައި ޙާލަތު ބައްލަވައިލައްވައިފައެވެ. ސްޕެއިންއާއި ޕޯޗުގަލްއާ ދެ ޤައުމުގެ ސަރުކާރުން ދަނީ ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް ޔޫރަޕިއަން ކޮމިޝަނާއި ޔޫރަޕިއަން ނެޓްވޯކް އޮފް ޓްރާންސްމިޝަން ސިސްޓަމް އޮޕަރޭޓާސް ފޮރ އިލެކްޓްރިސިޓީއާ އެކު މަސައްކަތް ކުރަމުންނެވެ. ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު ވީ އެންމެ އަވަހަކަށް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލަ ޙައްލު ކުރުމަށް ކުރެވެގެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމުގެ ޔަޤީންކަން ސްޕެއިންގެ ސަރުކާރުން ވަނީ ދީފައެވެ.

ކަރަންޓު ކެނޑުމަށް މެދުވެރިވި ސީދާ ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާއިރު ކަރަންޓު ކެނޑުނީ ސައިބާއެޓޭކެއްގެ ސަބަބުން ކަމަށް ވުން އެކަށީގެންވެއެވެ. ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބަކީ ފަރަންސޭސިވިލާތުގެ ޕަވަރ ލައިނެއްގައި އަލިފާން ރޯވުން ކަމުގައި ކުރިން ބެލެވުނު ނަމަ ވެސް އެ ކަން ތަހުޤީޤު ކޮށް އެއީ ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު ނޫން ކަމަށް ކަމާގުޅޭ އިދާރާތަކުން މިހާރު ވަނީ ނިންމައިފައެވެ.

ޕޯޗުގަލްގެ އާރުއީއެނުން ބުނީ ސްޕެއިންގެ ފިނިހޫނުމިނަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކަރަންޓު ކެނޑުން ވެސް އެކަށީގެންވާ ކަމަށެވެ. އެ ގޮތަށް މެދުވެރި ވަނީ ކުއްލިއަކަށް ފިނިހޫނުމިން ބަދަލުވުމުން ވޮލްޓޭޖު މަތި ޕަވަރ ލައިންތަކުގެ ކަރަންޓު އެއް މިނެއްގައި ނުހިފޭއްޓި އަވަސްއަވަހަށް ބަދަލު އައުމުންނެވެ.

ވިލާތުގެ ޤައުމުތަކުން ކަރަންޓު ކެނޑުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. ފަހުގެ ތާރީޚެއްގައި ވިލާތުގެ މިހާ ބޮޑު ސަރަޙައްދަކުން ކަރަންޓު ކެނޑިފައެއް ނުވެއެވެ. ނަމަ ވެސް 2003ވަނަ އަހަރު އިޓަލީވިލާތުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވެއެވެ. އެ ފަހަރު ކަރަންޓު ކެނޑުނީ އިޓަލީވިލާތާއި ސްވިޒަލެންޑާ ދެމެދު އަޅާފައި ހުރި ހައިޑްރޯއިލެކްޓްެރިކް ޕަވަރ ލައިނަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.