ޚަބަރު

ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު


  • އެދުވަހު މިފްކޯއަށް 56 މަސްދޯންޏަކުން މަސް ކިރުވާފައިވޭ

  • މީގެ ކުރިން މި އަދަދާއި ގާތަށް ފައިސާ ދޫކޮށްފައިވަނީ މާރިޗު 12ގައި

މިދިޔަ ބުދަ ދުވަހަކީ ފަހުގެ ތާރީހެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވާ ދުވަސްކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވާފައިވަނީ މި މަހުގެ 23ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއަށް ވަނީ 56 މަސްދޯންޏަކުން 403.62 ޓަނުގެ މަސް ކިރުވާފައެވެ. އަދި އެ ދުވަހު ކިރުވާފައިވާ މަހަށް މަސްވެރިންނަށް 5.4 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މީގެ ކުރިން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް މަސްވެރިންނަށް ފައިސާދޫކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު 30 މަސްދޯންޏަކުން މަސްކިރުވާފައިވާ މަހަށް 5.1 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 254 މަސްދޯންޏަކުން މަސް ކިރުވާފައިވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 14.6 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެކުރީ ހަފްތާއާ އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ. އޭގެކުރީ ހަފްތާ މަސްވެރިންނަށް ދޫކޮށްފައިވަނީ 12.8 މިލިޔަން ރުފިޔާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. އެގޮތުން މިހާތަނަށް 470 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދުވަހަށް ދުވަހުން ފައިސާ ދޭން ފެށުމުން އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތައްވެސް ސަރުކާރުން ފޯރުކޮށްދެމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ނިމޭއިރު ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ އަދި އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޢައްސަސާތަކާއި، ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީގޮތެއްގައި މަސްވެރިންނަށް ހޯދާދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތެވެ. އެގޮތުން މިމަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގައި ހަރަކާތްތެރިވާ %95 މަސްވެރި އުޅަނދު ވަނީ ދަފުތަރުކޮށްފައެވެ. އަދި މިއަހަރުގެ މަސްވެރިންގެ ދުވަހާއި ހަމައަށްދާއިރު މަސްވެރިންގެ ތެރެއިންވެސް ގިނަ މަސްވެރިން މިދަފުތަރުގައި ރަޖިސްޓަރވާނެކަމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.