މި ދުވަސްވަރު މާލޭގައި ކުރަމުންގެންދާ މުޒާހަރާތަށް ލައިވްކޮށް ބްރޯޑްކާސްޓު ކުރުމުގައި ޤާނޫނާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން މިގޮތަށް ވިދާޅުވީ މިކަމާ ގުޅޭގޮތުން ނެރުނު ސަރކިއުލާއެއްގައެވެ.
ބްރޯދްކާސްޓިންގ ކޮމިޝަނުން ވިދާޅުވީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓުކުރާ ހުރިހާ ފަރާތްތަކުންވެސް މުޒާހަރާތަކާއި އެއްވުންފަދަ ހަރަކާތްތައް ބްރޯޑްކާސްޓު ކުރުމުގައި އަމަލުކުރަންވާނީ ގުޅުންހުރި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާގޮތަށްކަމަށެވެ.
އެގޮތުން ބްރޯޑްކާސްޓު ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގެ ދަށުން އެ ކޮމިޝަނުން އެކުލަވާލާފައިވާސުލޫކީ މިންގަނޑަކީ ހުރިހާ ވަގުތެއްގައިވެސް ބްރޯޑްކާސްޓަރުން އެއާއި އެއްގޮތަށް އަމަލުކުރަންޖެހޭ މިންގަނޑެއްކަން ހަނދާންކޮށްދީ އެކޮމިޝަނުން ވަނީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅާނެކަމަށެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވީ މުޒާހަރާތަކާއި އެއްވުންފަދަ ކަންކަން ލައިވްކޮށް ބްރޯޑްކާސްޓް ކުރަންވާނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ ދަށުން އެކަށަށްޅާފައިވާ ގަވައިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާ ހިލާފު ނުވާގޮތަށް ކަމަށެވެ.
ފަހަކަށް އައިސް ބައެއް ފަރާތްތަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އާންމު ޓީވީތަކުން ދެއްކުން އެކަށީގެން ނުވާފަދަ މަންޒަރުތަކާއި ހަރަކާތްތަކާއި ބަސްމަގު ބޭނުންކުރާތީ އެކަމުގެ ކަނބޮޑުވުން އާންމުފަރާތަކުންދަނީ ފާޅުކުރަމުންނެވެ.