ޚަބަރު

މަސްޖިދުއްނަބަވީގެ އިމާމު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފި


  • ވުޒާރާއާއި އެވުޒާރާގެ ދަށުން ހިންގާ އިދާރާތަކުން ކުރާ މަސައްކަތް ވަޒީރު ހިއްސާކުރެއްވި

  • މިއަދު ހެނދުނުވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާފައި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޞަލާޙުލް ބުދައިރު، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވުޒާރާގެ މަސައްކަތްތަކާއި ވުޒާރާގެ ދަށުން މަސައްކަތް ކުރާ އެކި އިދާރާތަކުގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު އެމަނިކުފާނަށް އަރުއްވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދަޢުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.

އިމާމު ފަޟީލަތުއްޝައިޚް ޞަލާޙުލް ބުދައިރުގެ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލު ކުރައްވާފައެވެ.