ބްރެޒިލްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ހަވައިނާސްގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުއެވެ.
ހަވައިނާސް ރާއްޖޭގައި އޮޕަރޭޓް ކުރަމުން ދަނީ ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑާއި ބްރެޒިލްގެ ކުންފުންޏެއް ކަމަށްވާ އަލްޕަރްގަޓަސްއާއެކު ހަދާފައިވާ ޕާޓްނާޝިޕެއްގެ ދަށުންނެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު މުހައްމަދު ހާނީ ބުނީ ރާއްޖޭގައިވެސް ހަވައިނާސް ބްރޭންޑަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތްކަމަށެވެ. ޚާއްސަކޮށް ރިސޯޓުތައް ފާހަގަކުރެވޭކަމަށެވެ.
ހާނީ ބުނީ ދުނިޔޭގެ މަޝްހޫރު ގައުމުތަކުގައި ހަވައިނާސްގެ އައުޓްލެޓްތައް އެބަހުރިކަމަށެވެ. ހާނީ ބުނީ ހަވައިނާސް އިން ރާއްޖޭގައި ވިއްކާ އުފެއްދުންތަކުގެ ތެރޭގައި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ފެންވަރު ރަނގަޅު ފްލިޕް ފްލޮޕާއި ދަބަސް ހިމެނޭކަމަށެވެ.
" ހަވައިނާސް ފިހާރައަށް ސީދާ ބްރެޒިލް އިން އިމްޕޯޓްކުރާނީ. އުފެއްދުންތަކުގެ އަގު އެހެން ގައުމުތަކުގެ އަގުތަކަށްވުރެ ހެޔޮވާނެ" ހާނީ ބުންޏެވެ.
ހާނީ އިތުރަށް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ހަވައިނާސްގެ އުފެއްދުންތައް ރާއްޖޭގެ އެކި ރަށްރަށާއި، ރިސޯޓުތަކަށް ފޯރުކޮށްދިނުމާއި، ހޯލްސޭލްކޮށް ވިއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އެގޮތުން އެކަމަށް ޚާއްސަ ވެބްސައިޓެއްވެސް އުފައްދާނެކަމަށް އޭނާ ބުނިއެވެ.
ބްރެޒިލްގައި 1962 ގައި ވުޖޫދަށް އައި ހަވައިނާސްގެ 1,000 އަށްވުރެ ގިނަ އައުޓްލެޓް، ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގައި ހުރެއެވެ.