ޗައިނާގެ ކުންފުންޏަކުން ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ތުހުމަތު ކޮށްފިއެވެ. އެ ވުޒާރާއިން ބުނީ، އެމެރިކާގެ މަސްލަހަތު ހިމެނޭ މުދަލާއި މީހުންނަށް ޙޫޘީން ދެމުންދާ ޙަމަލާތަކުގައި އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ޗައިނާގެ ޗަންގ ގުއަންގ ސެޓެލައިޓް ޓެކްނޮލޮޖީ ކުންފުނިން ކަމުގައެވެ. އެއީ، ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
ސެޓެލައިޓް ޚިދުމަތްތައް ފޯރުކޮށްދޭ ޗައިނާގެ ކުންފުންޏަކުން ޙޫޘީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ފައިނޭންޝަލް ޓައިމްސުން ވެސް ދާދިފަހުން ރިޕޯޓު ކޮށްފައިވެއެވެ. އެމެރިކާގެ މަޞްދަރުތަކާ ޙަވާލާދީ އެ ނޫހުން ބުނީ، ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި، ބޭރު ޤައުމުގެ އާގުބޯޓުފަހަރަށް ޙޫޘީން ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޗައިނާގެ ކުންފުންޏެއްގެ އެހީތެރިކަމާއި، ބައިވެރިވުމާ އެކުގައި ކަމުގައެވެ.
"އީރާނުން ވާގިވެރިވާ ޙޫޘީ ޖަމާޢަތުން އެމެރިކާގެ މަސްލަހަތު ހިމެނޭ ފަރާތްތަކަށް އަމާޒުކޮށް ދެމުންދާ ޙަަމަލާތަކަށް ޗަންގ ގުއަންގ ސެޓެލައިޓް ޓެކްނޮލޮޖީން ސީދާކޮށް އެހީތެރިކަން ފޯރުކޮށްދޭ ކަމުގެ ރިޕޯޓުތައް އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެވޭނެ،" އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވިއެވެ.
"ޗައިނާއިން މަސައްކަތް ކުރަމުން ދަނީ… އެއީ، ދުނިޔޭގެ ސުލްޙައަށް މަސައްކަތް ކުރަމުންދާ ޤައުމެއް ކަމުގައި ދެއްކުމަށް… ނަމަވެސް، ބެއިޖިންގ އަދި ޗައިނާގެ ކުންފުނިތަކުން ރަޝިޔާ، އުތުރު ކޮރެޔާ އަދި އީރާނާއި އީރާނުން ވާގިވެރިވާ ގުރޫޕުތަކަށް އިޤުތިޞާދީ އަދި ފަންނުވެރިކަމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭ ކަން ވަރަށް ސާފު،" އޭނާ ވިދާޅުވިއެވެ.
ޗަންގ ގުއަންގ ސެޓެލައިޓް ޓެކްނޮލޮޖީން ޙޫޘީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން އެމެރިކާއިން ޗައިނާގެ ސަރުކާރާ ހިއްސާ ކޮށްފައިވާނެ ކަން ވެސް ބްރޫސް ކަށަވަރު ކޮށްދެއްވިއެވެ. "އެ މީހުން [ޗަންގ ގުއަންގ ސެޓެލައިޓް ޓެކްނޮލޮޖީން] އަދިވެސް މެދުކެނޑުމެއް ނެތި އެ ކަން ކުރަމުން ދިޔުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޗައިނާއިން ބުނީ މި ކަމާ ގުޅޭ މަޢުލޫމާތު ލިބިފައި ނެތް ކަމުގައެވެ. ވޮޝިންގޓަނުގައި ހުންނަ ޗައިނާގެ އެމްބަސީގެ ތަރުޖަމާނު ލިއު ޕޮންގޔީ ވިދާޅުވީ ޗަންގ ގުއަންގ ސެޓެލައިޓް ޓެކްނޮލޮޖީން ޙޫޘީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގެ މަޢުލޫމާތު ކުރިން ލިބިފައި ނުވާ ކަމުގައެވެ. އަދި، އެހެންވުމާ އެކު، އެ ކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް ހާމަކުރުމަށް ދަތި ކަމުގައެވެ.