ޚަބަރު

ދުންފަތާ ދުރުވުމަށް 492 މީހުން ސެޒޭޝަން ފަރުވާ ހޯދައިފި


  • ހުޅުމާލެ ހޮސްޕިޓަލުން 110 މީހުން

  • ދަމަނަވެށިން 74 މީހުން ފަރުވާ ހޯދަފައިވާއިރު އޭޑީކޭއިން ވަނީ 20 މީހުން ފަރުވާ ހޯދާފައި

ދުންފަތާ ދުރުވުމަށް މިދިޔަ އަހަރުން ފެށިގެން މިއަހަރު މާރޗް މަހުގެ ނިޔަލަށް 492 މީހުން މާލެ ސަރަހައްދުގައި ފަރުވާ ހޯދައިފިއެވެ.

ސިއްޚީ ވުޒާރާއިން އާއްމުކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 492 މީހަކު ޓޮބޭކޯ ސެޒޭޝަން ފަރުވާ ހޯދާފައިވާއިރު އެންމެ ގިނަ ބަޔަކު މި ޚިދުމަތް ހޯދާފައިވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ.

ފަރުވާ ހޯދާފައިވާ ތަންތަން:

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް: 288

ހުޅުމާލޭ ހޮސްޕިޓަލް: 110

ދަމަނަވެށި: 74

އޭޑީކޭ: 20

ދުންފަތުން ދުރުވުމަށް ބޭނުންވާ މީހުންގެ ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައިވާފައެވެ.

ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ސެޒޭޝަންގެ ޚިދުމަތް މާލޭގައި ދެނީ 3 ހޮސްޕިޓަލަކުންނާއި ދަމަނަވެށިންނެވެ. އަދި އަތޮޅުތެރޭގެ 48 ތަނަކުން މިޚިދުމަތް ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރަން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން، މިފާއިތުވި ދުވަސްތަކުގައި ގިނަ ފިޔަވަޅުތަކެއް ވަނީ އަަޅާފައެވެ. އެގޮތުން ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނާއި، އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނެސް ވޭޕްކުރަން ބޭނުންކުރާ އިލެކްޓްރޯނިކް ވަސީލަތްތަކުގެ އިމްޕޯޓް ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އަދި 2007އިން ފެށިގެން އުފަންވާ ކުދިންނަށް ސިނގިރެޓު މަނާކުރުމަށް ޓަކައި 'ޖެނެރޭޝަނަލް ބޭން'އެއް ތަންފީޒު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ. ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތެއް ރާއްޖޭގައި އުފެއްދުމަކީ މަނާކަމެކެވެ. އެ ފަދަ ތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާވާނެއެވެ.