ޚަބަރު

ޗެލްސީ ބަލިވި ނަމަވެސް ސެމީއަށް


ޔުއެފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލްގެ ޖާގައެއް ޗެލްސީން ހޯދައިފިއެވެ. ޗެލްސީއަށް ސެމީގެ ޖާގައެއް ލިބިފައިވަނީ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ލެގިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ފުރަތަމަ ލެގު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާތީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

2021 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއް ކާމިޔާބު ކުރުމަށް ޗެލްސީން މަސައްކަތް ކުރަމުންދާއިރު ފަހަކަށް އައިސް އެ ޓީމުގެ ފޯމު ވަނީ ގެއްލިފަ އެވެ.

ޕޮލެންޑްގެ ލެގިއާ އާއި ދެކޮޅަށް ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި ލެގިއާއަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ތޯމަން ޕެކްހާޓް ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ.

ނަމަވެސް މެޗުގެ 33 ވަނަ މިނިޓުގައި ޖޭޑަން ސަންޗޯ ދިން ޕާހަކުން މާކް ކުކުރެޔާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން ލެގިއާ މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 8 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ސްޓީވް ކަޕުއާޑީ އެވެ.

އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޗެލްސީއަށް މި ސީޒަނުގައި ފަހަކަށް އައިސް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު އެ ޓީމުގައި ރަގަޅު ފޯވަޑެއް ނެތުމުގެ ނަތީޖާ ދަނީ ފެންނަމުންނެވެ. އަނިޔާއިން ރަގަޅުވެ ނިކޮލަސް ޖެކްސަން ކުޅެން ފެށި ނަމަވެސް އަނިޔާއަށްފަހު އޭނާއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި މިމުބާރާތުގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފިނަމަ ކުރިއަށް އޮތް ސީޒަނުގެ ޔޫރޮޕާ ލީގުގެ ފުރުސަތު އެ ޓީމަށް ލިބިގެންދާނެ އެވެ. ނަމަވެސް ޕްރިމިއާ ލީގުގެ ގަދަ ފަހެއްގައި ހިމެނި އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަދިވެސް އެ ޓީމަށް އެބައޮތެވެ.

މި މެޗުގައި ޗެލްސީން އިތުރު ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ނިކުންނާނީ ސްވިޑަންގެ ޖާރގާޑަން އެވެ. އެ ޓީމުން ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރެޕިޑް ވިއެނާ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.