އަންނަ ހޮނިހިރު ދުވަހުގެ ފަހުން ރެއާލް މެޑްރިޑުގެ ކޯޗުކަމުގައި ކާލޯ އަންޗެލޮޓީ ނުހުންނާނެ ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ބުނަން ފަށައިފިއެވެ.
މި އަޑު ގަދަވެގަތީ ބުދަ ދުވަހުގެރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް މެޗުން ބަލިވެ ރެއާލް މުބާރާތުން ކެޓުމުންނެވެ.
މަޝްހޫރު ކުޅިވަރު ވެބްސައިޓްތަކުން ބުނަނީ 65 އަހަރުގެ ކޯޗުގެ ފަހު މެޗަށް ވާނީ ހޮނިހިރު ދުވަހުގެ ރޭ ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކަމަށެވެ.
"އޭގެ ފަހުން އަންޗެލޮޓީ ކުލަބު ދޫކޮށްލާނެ. މީގެ މާނަ އަކީ ސްޕެނިޝް ލީގުގެ އެންމެ ފަހު މެޗުތަކުގައި އޭނާ ބެންޗުން ނުފެނުން،" އީއެސްޕީއެން ބުނެފައިވެއެވެ.
އަންޗެލޮޓީ ވަކިވާނެ ވާހަކަ ދެކެވެން ފެށިއިރު އާސެނަލް އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓި މެޗަށް ފަހު ޓީމުގެ ކުޅުންތެރިން އޭނާއާ ބެހޭ ގޮތުން ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ޝަކުވާކޮށްފައިވާ ކަމަށް ވެސް ސްޕޭނުގެ މީޑިޔާތަކުން ބުނެ އެވެ. އަދި މިހާރު ކުޅުންތެރިންނާއި އޭނާއާ މާބޮޑު ގުޅުމެއް ނެތް ކަމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.
އަންޗެލޮޓީ އާއި ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ. ނަމަވެސް ކެރިއަރުގައި ކާމިޔާބު ކޯޗު ވަނީ އެއްބަސްވުން ނުނިމެނީސް ރެއާލް މެޑްރިޑުން އޭނާގެ ބަދަލުގައި އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއްނެތް ކަމަށް ބުނެފަ އެވެ.
"ކުލަބުން ފަހަރުގައި ނިންމަފާނެ އަހަރެންގެ ބަދަލުގައި އެހެން ކޯޗަކު ހޯދަން. ފަހަރުގައި އެއީ މި އަހަރު ނޫނީ އަންނަ އަހަރު އަހަރެންގެ ކޮންޓްރެކްޓް ނިމުމުން ކަމަށް ވެސް ވެދާނެ. އެކަމަކު އަހަރެންނަށް މި ކުލަބުން ފުރުސަތު ލިބިއްޖެނަމަ އަހަރެން އުފާކުރާނަން. ފަހަރުގައި ކޯޗަކު ހޯދަފާނެ މާދަމާ ވެސް، 10 ދުވަސް ފަހުން ވެސް ނޫނީ އެއް އަހަރު ފަހުން ވެސް. އަހަރެންގެ ކޮންޓްރެކްޓް ނުނިމެނީސް ވެސް ހޯދަފާނެ. އަހަރެންގެ އެކަމާ ފަރުވާލެއްނެތް،" އަންޗެލޮޓީ ބުންޏެވެ.
ރެއާލް މެޑްރިޑަށް ދެ ފަހަރު މަތީން ކޯޗުކޮށްދީ 15 ތަށި ހޯދާފައިވާ ކޯޗު މަގާމުން ވަކި ކުރި ނަމަވެސް އޭނާ ބަހައްޓާނީ ކުލަބުގެ ޝަރަފުވެރިއެއްގެ ގޮތުގައި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. އޭނާ އަކީ ތިން ފަހަރު ރެއާލް އަށް ޗެމްޕިއަންސް ލީގު ހޯދައިދީ އަދި އެތަށި ޖުމުލަ ފަސް ފަހަރު ކާމިޔާބުކޮށް އެ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު ވެސްމެ އެވެ.
މަގާމުން ވަކިކުރުމުގެ ވާހަކަތަކާއެކު އަންޗެލޮޓީ ބުނީ ކޮންމެ މީހަކަށް ވެސް ކޮންމެ ކަމެއްގައި ވެސް ދެ ފަރާތް އޮންނަ ކަމަށެވެ. އަދި ރަނގަޅު ވަގުތާއި ދުވަސްތައް އެތައް ފަހަރަކު ދެކެ އިހުސާސްކޮށްފައިވާ ފަދައިން ކަންކަމުގައި ދިމާވާ އުނދަގޫ އަދި ދަތި ވަގުތާއި ހާލަތާ ވެސް ބައްދަލުކުރަންޖެހޭނެކަން ގަބޫލުކުރަންވާނެ ކަމަށެވެ.
އިޓަލީގެ އޭސީ މިލާނާއި އިނގިރޭސިވިލާތުގެ ޗެލްސީ އަދި ޖަރުމަނުގެ ބަޔާން މިއުނިކާއި ފްރާންސްގެ ޕީއެސްޖީގައި ވެސް އަންޗެލޮޓީ ވަނީ ކާމިޔާބު ހޯދާފަ އެވެ. ރެއާލްގެ ކޯޗުކަމުން އޭނާ ވަކިކުރާ އަޑު ގަދަވެފައިވާއިރު އޭނާގެ އިންތިޒާރުގައި އޮތީ ދުނިޔޭގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލް އެވެ. އެ ގައުމުން އަންޗެލޯޓީ ކޯޗަކަށް ގެންދަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.