ވޯލްޑް އިކޮނޮމިކް ފޯރަމްގެ ފަރާތުން ކޮންމެ އަހަރަކުވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާ، ޔަންގް ގްލޯބަލް ލީޑަރުންގެ ތެރޭގައި ރާއްޖޭގެ ޒުވާން ވިޔަފާރިވެރިޔާ ނޫރްއައިން ޖަނާހް ހިމެނިއްޖެއެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްއިން މިހާރު އާންމުކޮށްފައިވާ މިއަހަރުގެ ލިސްޓުގައި 7 ދާއިރާއަކުން 116 ފަރާތެއް ހިމެނެއެވެ. ކޮންމެ އަހަރަކުވެސް ޔަންގް ގްލޯބަލް ލީޑާސް ހޮވާއިރު، މިއަހަރު ހޮވުނު ފަރާތްތައް ގުޅެނީ 1400 މެންބަރުން މައްޗަށް އެކުވެލޭ އިސްވާރުންގެ ނުވަތަ ލީޑަރުންގެ ޖަމާޢާތަކާއެވެ. ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޔަންގް ގްލޯބަލް ލީޑާސް ޕްރޮގްރާމަކީ ބޮޑެތި ކުންފުނިތަކުގެ ސީއީއޯއިން ފެށިގެން، ޤައުމުތަކުގެ ވެރިންނާއި ނޮބެލް އިނާމު ހާސިލް ކޮށްފައިވާ ފަރާތްތައް ހިމެނޭ ނުފޫޒު ގަދަ މީހުން މިހާތަނަށް ހިމެނޭ ޕްރޮގްރާމަކެވެ. މިއަހަރު ލިސްޓުގައިވެސް ދުނިޔޭގެ އެކި ސިނާޢަތްތަކުން އެކި ކުރިއެރުން ހޯދާފައިވާ ފަރާތްތައް ހިމެނެއެވެ. މީގެ ތެރެއިން މިއަހަރުގެ ލިސްޓުން އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތަކީ ތައިލޭންޑުގެ ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތު އެވެ.
މި ލިސްޓުގައި ނޫރްއައިން ހިމެނިގެން ދިޔައިރު، އޭނާ އިސްވާރަކަށް ހޮވުނީ ޖަމީޢްޔާ ޖަމާޢަތްތަކުގެ ގިންތިންނެވެ. އޭނާ މި ގިންތީގައި ހިމެނިފައިވަނީ އޭނާ އިސްވެ އުފައްދާ، އަދި ހިންގަމުންދާ ކަނޑޫފާ ފައުންޑޭޝަންގެ މަސައްކަތްތައް ފާހަގަކޮށެވެ. އެ ޖަމީއްޔާއަކީ، ލީޑަރުން ތަރައްޤީކުރުމާއި، ތިމާވެށްޓަށް އަޅާލުމާއި، ސަޤާފަތް ހިމާޔަތް ކުރުމުގެ ދާއިރާއިން ދެކުނު އޭޝިއާގައި މަސައްކަތްތަކެއް ކުރަމުންދާ ޖަމީއްޔާއެކެވެ.
ނޫރައިންގެ މަސައްކަތްތައް ބޮޑަށް ފާހަގަވެގެން ދަނީ، ކޯޕަރޭޓް ގަވަނެންސް ދާއިރާއިންނާއި، އިމާރާތްކުރުމުގެ ދާއިރާއިން އަދި ކުންފުނިތަކުގެ ތިމާވެށްޓާއި އިޖްތިމާޢި ހިންގުމުގެ އިސްތިރާޖުތަކުގެ ދާއިރާއިން އަދި އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއިންނެވެ. އޭނާ ދަނީ މި ޚިދުމަތްތައް އޭނާގެ ރެހެންދި ކޮންސަލްޓިން ފާމް މެދުވެރިކޮށް، ފޯރުކޮށްދެމުންނެވެ. އަދި މިމަސައްކަތުގެ ތެރެއިން ކުންފުނިތަކުގައި އަންހެން ލީޑަރުން އުފެއްދުމަށް ޕްރޮގްރާމްތައް ހިންގަމުންދެއެވެ. މީގެ އިތުރުން އޭނާ ދަނީ ހޮޓެލްޓް ރިސޯޓް އިންވެސްޓްމެންޓް މޯލްޑިވްސް ގްރޫޕްގެ ވައިސް ޗެއަރކަން ކުރައްވާ ކުންފުނީގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.
ޔޫތް ގްލޯބަލް ލީޑަރުންގެ ލިސްޓުގައި ހިމެނުމާއި ގުޅިގެން ނޫރްއައިން ވަނީ މި ކާމިޔާބީއަކީ އޭނާގެ އެކަނި ހައްޤެއް ނޫން ކަމަށް ބުނެފައެވެ. އަދި މިއީ އޭނާގެ އާއިލާއިން އޭނާ އަށް ދިން ތަރުބީއްޔަތުގެ ހެއްކެއް ކަމަށެވެ. އޭނާ ވަނީ މިފުރުސަތާއެކު، އޭނާގެ މަސައްކަތް އިތުރަށް ފުޅާކުރާނެ ކަމަށް ބުނެފައެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޔޫތު ގްލޯބަލް ލީޑަރަކަށް ހޮވޭ ފަރާތްތަކަށް 3 އަހަރުގެ ލީޑާޝިޕް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ހިންގާނެއެވެ. މި ޕްރޮގްރާމުގެ ތެރެއިން އެފަރާތްތަކަށް ހަރުދަނާ ލީޑަރުންނަށްވުމަށް ބޭނުންވާ އުކުޅުތަކާއި، ވަސީލަތްތައް ކިޔައިދީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފަންތީގެ ލީޑަރުންނާއި ގުޅުވާލަ ދޭނެއެވެ.