ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްޢިއްޔާ (އައިކާއޯ) އިން އިންތިޒާމްކޮށްގެން ބާއްވާ 2025 ވަނަ އަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި ބައިވެރިވެވަޑައިގަތުމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ޤަތަރަށް ފުރާވަޑައިގެންފިއެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި އެއްހަމައަކުން ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުންކަމަށެވެ.
ޤަތަރުގެ ވެރިރަށް ދޯހާގައި މި މަހުގެ 14 އިން 17 އަށް ކުރިއަށްދާ މި ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓް އޮންނާނީ އޭޕްރީލް 17 ވަނަ ދުވަހުއެވެ. މި ސެގްމެންޓުގައި އައިކާއޯގެ މެންބަރު ޤައުމުތަކުގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރުންގެ މެދުގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މި ކޮންފަރެންސްގައި "ދޯހާ ޑެކްލަރޭޝަން އޮން ފެސިލިޓޭޝަން އޮފް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް 2025" ގެ ނަމުގައި ޚާއްސަ ޤަރާރެއް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޤަރާރަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އެކުލަވާލެވޭ ޤަރާރެކެވެ.
މި ޤަރާރުގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފައިގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަތުރުވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެ. އަދި މި ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި ވަޒީރު އަމީން ތަޤްރީރު ކުރައްވާނެއެވެ.