ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމާއި މުޖްތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލައިފައިވާ ޕްލޭނަށް މިއަހަރުގެ މެދުތެރޭގައި އަމަލުކުރަން ފެށޭނެކަމަށް އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
"ނެޝަލަން އެކްޝަން ޕެލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން"އަކީ ނުކުޅެދުންތެރިކަން ހުންނަ މިޙޫންގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް އެފަރާތްތަކަށް ހޯދައިދިނުމަށްޓަކައި އެކުލަވައިލެވިފައިވާ ޕްލޭންއެކެވެ.
މީގެ އިތުރުން މިނިވަންކަމާއެކީ، އެފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ ފުރުޞަތުތައް ހޯދައިދިނުމަކީވެސް މި ޕްލޭންގެ އެންމެ މުހިއްމު އެއް މަޤްޞަދެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިޖްތިމާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް ވިދާޅުވީ، އިޖްތިމާޢީ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، ޔޫއެންޑީޕީ ގުޅިގެން އެކުލަވާލައިފައިވާ މި އެކްޝަން ޕްލޭންގައި މައިގަނޑު 5 އަމާޒެއްގެ މައްޗަށް އުސޫލުތައް އެކުލެވިގެންވާކަމަށެވެ. މިހާރު ކުރިއަށްދަނީ އެކަންކަން ފައިނަލްކުރުމުގެ މަސައްކަތްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ނޭޝަނަލް އެކްޝަން ޕެލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން ފައިނަލްކުރުމަށް މިހާރު ކުރެވޭ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތައް ހިމެނޭހެން ޖުމްލަ 60 ފަރާތެއް ބައިވެރިވާކަމަށެވެ. އަދި އެ ފަރާތްތަކުގެ ޚިޔާލާއެކު، މި ޕްލޭން ފައިނަލްކުރެވި، ކުރު މުއްދަތެއްގެ ތެރޭގައި މި ޕްލޭން ތަންފީޒުކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ގާތްގަޑަކަށް ދެމަހެއްހައި ދުވަހެއްތެރޭ ބަލަނީ މި ލޯންޗުކުރެވޭތޯ. ދެން ޔޫއެންޑީޕީގެ ވަރަށް ބޮޑު އިސްނެގުމަކާއެކު އަޅުގަނޑުމެން މިނިސްޓްރީއާއި ގުޅިގެން މީގަ ބައިވެރިވާ ފަރާތްތަކާއެކު މިކަން މި ކުރަނީ. މެއި ޖޫން ހިސާބުން އަޅުގަނޑުމެން މި ބަލަނީ މީގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް" އިޖްތިމާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް ވިދާޅުވިއެވެ.
އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރުތައް ކުރިއަރުވަމަށްޓަކައި އެމްޕަވަރމަންޓް ހަބެއް ތަރައްޤީކުރުމަށް އެ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.