ޚަބަރު

މެކްޓޮމިނޭގެ ދެ ލަނޑާއެކު ނާޕޮލީއަށް މުހިންމު މޮޅެއް


އިޓާލިއަން ލީގުގައި ރޭ އެމްޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި ސްކޮޓް މެކްޓޮމިނޭ ޖަހައިދިން ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން ނާޕޮލީ މޮޅުވެ، ތާވަލުގެ އެއްވަނައިގައި އޮތް އިންޓަރ މިލާނާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.

މި މެޗުން ނާޕޮލީ މޮޅުވުމާއިއެކު އެ ޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން 68 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް އިންޓަރ މިލާނަށް ލިބިފައިވަނީ 71 ޕޮއިންޓެވެ.

ނާޕޮލީގެ ޑިއެގޯ އާމަންޑޯ މެރެޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 18 ވަނަ މިނިޓުގައި ސްކޮޓް މެކްޓޮމިނޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މިއީ އުމުރުން 28 އަހަރުގެ ސްކޮޓްލޭންޑްގެ މިޑްފީލްޑަރ ލަނޑެއް ނުޖެހި ހަ މެޗު ދިއުމަށްފަހު ޖެހި ފުރަތަމަ ލަނޑެވެ. މި ލަނޑަށްފަހުވެސް ނާޕޮލީއަށް ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

ނާޕޮލީން ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ރޮމެލޫ ލުކަކޫ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އިޓާލިއަން ލީގުގައި އޭނާ ޖެހި 12 ވަނަ ލަނޑެވެ.

އަދި އޭގެ ފަސް މިނިޓު ފަހުން މެކްޓޮމިނޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މި ސީޒަނުގައި އަލަށް ނާޕޮލީއާ ގުޅުނު މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ, މެކްޓޮމިނޭއަށް ވަނީ މި މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ހެދުމުގެ ފުރުސަތު ލިބިފަ އެވެ. އެގޮތުން ދެވަނަ ލަނޑު ޖެހިތާ ހަ މިނިޓު ފަހުން އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވެފައިވަނީ އެމްޕޯލީގެ ގޯލުގެ ދަނޑި އަށެވެ.

މެކްޓޮމިނޭ މި މެޗުގައި ޖެހި ދެ ލަނޑާއެކު މި ސީޒަނުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ އަށަކަށް އަރާފަ އެވެ.

ތިން އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ނާޕޮލީން ކުރިއަށް އޮތް ހަ މެޗުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި އިންޓަރ މިލާނުން މެޗެއް ގެއްލުވާލައިފިނަމަ، ނާޕޮލީއަށް ޗެމްޕިއަންކަން ލިބިގެންދާނެ އެވެ.