ޚަބަރު

ޒަޚަމްވި ދަރިވަރުގެ ހާލު ސަރުކާރުން ދަނީ ކައިރިން ބަލަމުން: ޚާރިޖީ ވަޒީރު


  • ޚާރިޖީ ވުޒާރާ އާއި މަތީ ތަޢުލީމާބެހޭ ވުޒާރާ އަދި ސިވިލް އޭވިއޭޝަނުން މާނިޢުގެ ހާލު ދަނީ ބަލަމުން

ފިލިޕީންސްގައި ޓްރެއިނިންގ މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރުގެ ހާލު ސަރުކާރުން ކައިރިން ބަލަމުންގެންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި އަނިޔާވެފައިވަނީ ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީން ހަދަމުންދާ ދަރިވަރަކަށެވެ.

އެ ދަރިވަރުގެ ހާލަތު ބަޔާންކުރައްވައި ޚާރިޖީ ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަމްރީނު ހަދަމުންދިއުމުގެ ތެރޭ މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރު، ޢަބުދުލް މާނިޢުގެ ބައްޕަ، އާމިރާ ފޯނުން ގުޅުއްވައި އޭނާގެ ޙާލު ބެއްލެވި ކަމަށެވެ. މާނިޢުގެ މަންމައާއި ބޭބެއަށް ފިލިޕީންސަށް މިހާރު ދެވިއްޖެ ކަމަށާއި މާތްﷲގެ ވާގިފުޅާއެކު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މާނިޢުގެ ބައްޕަ ބުނި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޚާރިޖީ ވުޒާރާ އާއި މަތީ ތަޢުލީމާބެހޭ ވުޒާރާ އަދި ސިވިލް އޭވިއޭޝަނުންވެސް މާނިޢުގެ ހާލު އޮޅުންފިލުއްވަމުން ދާ ކަމަށެވެ. ސަރުކާރުން މާނިޢުގެ ހާލަތު ގާތުން ބަލަމުން ގެންދާތީ އުފާކުރާކަމަށް މާނިޢުގެ ބައްޕަ ބުނި ކަމަށްވެސް ވިދާޅުވިއެވެ.

ފިލިޕީންސް ގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުންވެސް އެހީތެރިކަން ލިބޭކަމަށާއި އެކަމާ ޝުކުރުވެރިވާ ކަމަށް ވެސް މާނިޢުގެ ބައްޕަ ބުނެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ޙާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން މާނިޢުގެ ޙާލު ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.