ބާސެލޯނާގެ ކެޕްޓަން މާކް-އަންދްރޭ ޓާ ސްޓެގަން އެނބުރި އައުމުން އޭނާއަށް އެއްވަނަ ގޯލްކީޕަރުކަން ދިނަސް އެކަމާ މެދު މައްސަލައެއް ނޯންނާނެ ކަމަށް މިހާރުގެ އެއްވަނަ ކީޕަރު ޕޮލަންޑުގެ ވޮސިއެޗް ޝެޒްނީ ބުނެފިއެވެ.
އޭނާ މިހެން ބުނީ މި ސީޒަނުގެ ކުރީކޮޅު ލިބުނު އަނިޔާއިން ރަނގަޅުވަގެން ޓާ ސްޓެގަން އަލުން ކުޅުމުގެ ތެރެއަށް އައުމަށް އަމާޒުހިފުމުންނެވެ. މި ގޮތުން ޖަރުމަނުގެ ކީޕަރު މިހާރު ވަނީ ޓީމާއެކު ފަރިތަކުރަން ފަށައިފަ އެވެ.
"އަހަރެން މި ކުލަބަށް އައީ އޭނާގެ ބަދަލުގައި ގޯލަށް ކުޅެން. ޓާ ސްޓެގަން އައިސް ގޯލުގައި ހުއްޓަސް އަހަރެންގެ މައްސަލައެއްނެތް. އެއީ ޓީމުގެ ކެޕްޓަން އައިސް ކޮންމެ ވަގުތަކު ވެސް ޓީމަށް ކުޅުމަކީ މައްސަލައަކަށްނުވާނެތީވެ. ކޯޗު ކޮންމެ ގޮތަކަށް ކޮންމެ ވަގުތަކު ނިންމި ނަމަވެސް އަހަރެން އެކަމަށް އިހްތިރާމް ކުރާނަން،" ޝެޒްނީ ބުންޏެވެ.
އުމުރުން 34 އަހަރުގައި ރިޓަޔާކުރިތާ ގާތުގައި ބާސެލޯނާއިން ޝެޒްނީގެ އެހީއަށް އެދުނީ ޓާ ސްޓެގަންއަށް އަނިޔާވުމުން ޓްރާންސްފާ މާކެޓުން ބޭރުން ކީޕަރަކު ޓީމު ލިސްޓުގައި ޖެހުމުގެ ހުއްދަ ލިބުމުންނެވެ. އޭނާ ޓީމާ ގުޅުނަސް ފުރަތަމަ އިނީ ބެންޗުގަ އެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހާ ހިސާބުން ފުރަތަމަ 11ގައި ކުޅެން ފެށި އެވެ. ހާއްސަކޮށް ސްޕެނިޝް ސުޕަ ކަޕް ބާސެލޯނާ ކާމިޔާބުކުރިއިރު އޭނާ ދެއްކި މޮޅު ކުޅުމާއެކު ކޯޗު ހަންސީ ފްލިކްގެ މިހާރުގެ އެއްވަނަ ހޮވުމަކީ ޝެޒްނީ އެވެ.
ނަމަވެސް ބާސެލޯނާއިން އަބަދުވެސް ބުނަމުން އަންނަނީ ޓާ ސްޓެގަން، 32، އަކީ ޓީމުގެ ކެޕްޓަން ކަމަށާއި އޭނާ ފިޓްވުމުން އެހެން ކުޅުންތެރިއަކަށްވުރެ ހުރިހާ ގޮތަކުން ވެސް އޭނާ އިސްވާނެ ކަމަށެވެ.
ހުސްވި ސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑަށް ވެސް މިފަދަ މައްސަލައެއް ދިމާވި އެވެ. އެއްވަނަ ކީޕަރު ތިބައީ ކޯޓުއާ އަށް އަނިޔާވީ ޕްރީ ސީޒަނުގަ އެވެ. އޭނާ ނެތި ބަދަލު ކީޕަރު އަންދްރޭ ލުނިން މޮޅަށް ކުޅެމުންދަނިކޮށް ކޯޓުއާ އައިސް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ގޯލަށް އެރި އެވެ. މި ހިސާބުން ލުނިންގެ ހިތްހަމަ ނުޖެހުނެވެ. އެކަމަކު ބާސެލޯނާގައި މި ފަހަރު ޝެޒްނީ އާއި ޓާ ސްޓެގަންއާ ދެމެދު މައްސަލަ ޖެހުމުހގެ ފުރުސަތު ވަރަށް ކުޑަ އެވެ.