މާފަންނު ޕްރައިމް ގުދަނުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ގާތްގަނޑަށް 8 ގަޑިއިރުގެ މަސައްކަތުން ކަމަށާއި ނިއްވާލެވުނުއިރު ގުދަންވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މ.ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން 1" ގުދަނުގައި އަލިފާންގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓްކުރީ ރޭ 21:25 ހާއިރެވެ. މިމަޢުލޫމާތު ލިބުމާއެކު، މާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިމަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ ފަތިހު 04:58 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިއަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯޑްޑިވްސް ޕޮލިސް ސަރވިސްއާއި އަދި މާލެ ސިޓީ ކައުންސިލްއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ރެޑްކްރެސެންޓްގެ ހަރަކާތްތެރިވެފައިވެއެވެ.
ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެހިސާބުގެ ބައެއް ގޭބިސީތަކަށް ވަރަށް ބޮޑަށް ދުމުގެ އަސަރު ކުރުމާއި ގުޅިގެން 15 ގެއެއް ހުސްކޮށް އެފަރާތްތަކަށް އެންޑީއެމްއޭއިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިގެތަކުން 454 މީހުން ސޯޝަލް ސެންޓަރުގައި ޤާއިމްކުރި އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރިކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ
މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަސް، ދުމުގެ އަސަރުކޮށްގެން 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މިހާދިސާގައި ގުދަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.