ޚަބަރު

އެއަރޕޯޓަށް 59 އަހަރު: މިނިވަންކަމާ ގުޅިފައިވާ އެންމެ މުހިއްމު އެއް ރަމްޒު


  • ހުޅުމާލޭގައި އެންމެ ފުރަތަމަ އެއަރޕޯޓެއް އަޅައިފައިވަނީ 19 އޮކްޓޯބަރ 1960

  • ދިވެހިންގެ މެދުގައި އަމިއްލަ އެއަރޕޯޓެއް އެޅުމުގެ ވިސްނުން އުފެދުނު

  • 12 އެޕްރީލް 1966 ދިވެހިން އަމިއްލައަށް އެޅި އެއަރޕޯޓް ހުޅުވިގެންދިޔަ

ރާއްޖޭގެ އިޤްތިޞާދީ މައި ދޮރާށިކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު 59 އަހަރު ފުރޭއިރު، ޢުމްރާނީ ތަރައްޤީގެ ކުލަވަރުތައް އެންމެ ފުރިހަމައަށް ފެނިގެންދާ އެއްތަނަކީ ދިވެހިންގެ އެއަރޕޯޓެވެ.

ދިވެހިންގެ އެއްބައިވަންތަކަމާއި، މިނިވަންކަމާ ގުޅިފައިވާ އެންމެ މުހިއްމު އެއް ރަމްޒުކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބިގެންދާ ކޮންމެ ކުރިއެރުމަކާއި، ތަރައްޤީއަކީ ދިވެހިންނާއި އަދި މުޅި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅިލާމެހިފައިވާކަމެކެވެ.

ހުޅުލޭގައި އެންމެ ފުރަތަމަ އެއަރޕޯޓެއް ހުޅުވާފައިވަނީ 1960ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 19ވަނަ ދުވަހުއެވެ. 3000 ފޫޓް ދިގު 75 ފޫޓް ފުޅާ ރަންވޭއަކާއެކު، ދަނގަޑުފިލާ ބޭނުންކޮށްގެން ހެދި މި އެއއަރޕޯޓަށް އެންމެ ފުރަތަމަވެސް ޖައްސާފައިވަނީ ނިއުޒީލޭންޑުގެ އެއަރފޯސްއަށް ނިސްބަތްވާ "ބްރިސްޓޮލް ފްރެއިޓަރ NZ5902" ނަމަކަށް ކިޔާ ބޯޓެކެވެ. އިނގިރޭސީންގެ ހިމާޔަތުގައި ދިވެހިރާއްޖޭ އޮތް ދުވަސްވަރު ހަދައިފައިވާ މި އެއަރޕޯޓް އޭރު ބޭނުންކުރެވެމުންދިޔައީ ޔޫރަޕްގެ މިލިޓަރީ ބޯޓުތައް ޖެއްސުމަށެވެ.

އެހެންނަމަވެސް، 1962ވަނަ އަހަރުގެ އެޕްރީލްމަހުގެ 10ވަނަ ދުވަހު ކޮމާޝަލް ފްލައިޓްތަކުގެ ޝެޑިއުލްޑް އޮޕަރޭޝަންތައް މި އެއަރޕޯޓަސް ވަނީ ފައްޓާފައެވެ. އެންމެ ފުރަތަމަވެސް ކޮމާޝަލް ފްލައިޓެއްގެ ގޮތުގައި ރާއްޖެއަށް އައިސްފައިވަނީ އެއަރ ސިލޯންގެ ބޯޓެކެވެ.

ނަމަވެސް، އިނގިރޭސީންގެ އަތްދަށުން މިނިވަންވުމަށް ދިވެހިރާއްޖެއިން މަސައްކަތް ފެށުމާއެކު، ދެކުނު ގަނޑުބަނޑާއެކު ދިވެހިންނާއި، އިނގިރޭސީންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ދިވެހިންގެ މެދުގައި އަމިއްލަ އެއަރޕޯޓެއް އެޅުމުގެ ވިސްނުން އުފެދިގެންދިޔައެވެ. މިއާއެކު، ދިވެހިންގެ އަމިއްލަ އެއަރޕޯޓެއް ހެދުމަށް ސަރުކާރުން ގަސްތުކުރައްވާ، އެކަން އިޢުލާންކޮށްފައިވަނީ 27 އޭޕްރީލް 1964 ގައި އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. މި އެއަރޕޯޓުގެ މަސައްކަތް ފެށީ ދިވެހިންގެ އަމިއްލަ ފައިސާއިންނާއި، ރައްޔިތުންގެ އެހީއާއި މަސައްކަތުންނެވެ.

މިއީ އޭރުގެ އިޤްތިޞާދީ ހާލަތަށް ބަލާނަމަ، ރާއްޖޭގައި ހިންގުނު އެންމެ އާދަޔާ ޚިލާފު އަދި އެންމެ ބުރަ ބޮޑު މަސައްކަތެވެ. ނަމަވެސް ދިވެހިން މިކަމަށް ބޭނުންވެފައިތިބި މިންވަރާއި، މަސައްކަތުގެ ތެރޭގައި އެ ދެއްކި ޖޯޝާއި ފޯރީގެ ނަތީޖާއަކަށްވީ، ކުރު މުއްދަތެއްގެ ތެރޭގައި އެއަރޕޯޓުގެ ރަންވޭއާއެކު ކޮންޓްރޯލް ޓަވަރާއި، ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާ، 1966 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ދިވެހިންގެ ފުރަތަމަ މަދަނީ ވައިގެ ބަނދަރު ހުޅުވިގެންދިޔުމެވެ. މިއާއެކު ދިވެހިންގެ އެއަރޕޯޓް ވެގެންދިޔައީ ރާއްޖޭގެ އިޤްތިޞާދުގެ މައިދޮރާއްޓަށެވެ. މިކަމުގެ ސަބަބުން ރާއްޖެ، ބޭރު ދުނިޔެއަށް ހުޅުވި، 1972 ވަނަ އަހަރު ފަތުރުވެރިކަން ރާއްޖެއަށް ތަޢާރުވެގެންދިޔައެވެ.

ފަތުރުވެރިކަން ފުޅާވެ، އެއަރޕޯޓުން ޚިދުމަތް ހޯދާ މީހުންގެ ނިސްބަތްއިތުރުވުމުން ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ކުރިއަރުވާ ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވަން ނިންމެވިއެވެ. އެކަމުގެ ދިރާސާތަކާއި މަޝްވަރާތައް ކުރެވެމުންއައިސް، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވިތާ 2 އަހަރު ފަހުން ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހުޅުލޭ އެއަރޕޯޓް ހެދުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވިއެވެ. އަދި 1981 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައި "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް"ގެ ނަމުގައި އެއަރޕޯޓް އަލުން ހުޅުވިއެވެ.

އެއަރޕޯޓުގެ މާޒީގެ ތެރެއިން ދެން އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ، 40 ވުރެއް ގިނަ އަހަރު ވަންދެން ދިވެހިންގެ އެއަރޕޯޓް ދިވެހިންގެ އަތުގައި އޮތުމަށްފަހު، ރައީސް ނަޝީދުގެ ސަރުކާރުގައި އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް އިންޑިއާގެ ޖީ.އެމް.އާރ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް 25 އަހަރަށް ޖީ.އެމް.އާރއާއި އޭރުގެ ސަރުކާރުން ހަވާލުކުރައްވާފައިވަނީ 28 ޖޫން 2010 ވަނަ އަހަރެވެ. މީގެ އިތުރުން ހަމަ އެއަހަރުތެރޭ "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު"ގެ ނަން "އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް"އަށް ބަދަލުކުރިއެވެ. އެއަރޕޯޓުގެ ބާނީ ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ދައުރުގެ ފުރަތަމަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޚޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނުގެ ނަމަށް ނިސްބަތްކޮށް، އެއަރޕޯޓުގެ ނަން ބަދަލުކުރެއްވީ 2011ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ.

އެއަރޕޯޓް ހިންގުން ޖީ.އެމް.އާރއާއި ހަވާލުކުރިތާ 2 އަހަރު ފަހުން އެކުންފުންޏާއެކު ސަރުކާރުންވެފައިވާ އެއްބަސްވުމުގައި ހުރި ބައެއް މައްސަލަތަކެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ، އެ އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހެވެ. އެއަށްފަހު އެއަރޕޯޓް ހިންގުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ދަށަށް އަނެއްކާވެސް ބަދަލުވެގެންދިޔައެވެ.

ފަހުގެ ތާރީހެއްގައި މި އެއަރޕޯޓަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ކޯޑް އެފް ރަންވޭގެ މަސައްކަތް ނިމި މި ރަންވޭ ހުޅުވިގެންދިއުމެވެ. އެއީ 2022ވަނަ އަހަރުއެވެ. 3400 މީޓަރުގެ އައު ރަންވޭއާއެކު، އެއަރބަސް އޭ380 ފަދަ ބައިނަލްއަޤުވާމީ އެންމެ ބޮޑު ފްލައިޓްތައް ރާއްޖެއަށް ޖެއްސުމުގެ ފުރުސަތުތައް ފަހިވެގެންދިޔައެވެ. މީގެ އިތުރުން ހަމައެއަހަރު 42 ޑޮކް އަދި 28000 އަކަމީޓަރުގެ އައު ސީޕްލޭން ޓަރމިނަލްއެއްވެސް ހުޅުވިގެންދިޔައެވެ. މިއީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ ބޮޑު ސީޕްލޭން ޓަރމިނަލްއެވެ.

މީގެ އިތުރުން 2024ވަނަ އަހަރުގެ މެއި މަހުގެ 8ވަނަ ދުވަހު ސީ-ޓު-އެއަރ ކާގޯރގެ ޚިދުމަތް މި އެއަރޕޯޓުން ދޭންފެށިއެވެ. އަދި މިހާރު 11 އެއަރލައިނަށް މި ޚިދުމަތް ދަނީ ދެމުންނެވެ.

އެއަރޕޯޓަށް 59 އަހަރު ފުރިފައިވާއިރު، އާ ނަމާކާއެކު ދިވެހިންގެ އެއަރޕޯޓް އަނެއްކާވެސް މިވަނީ ތަރައްޤީގެ އާ އުސްމިންތަކަކާ ދިމާލަށް މިސްރާބުޖަހާފައެވެ. އެއަރޕޯޓަކީ ދިވެހިން ފަހުރުވެރިވާ ފަދަ ތަނަކަށް ހެދުމަށް ބައިނަލްއަޤުވާމީ ފެންވަރުގެ ފަސިންޖަރުންގެ ޓަރމިނަލް އެޅުމުގެ ބިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު މިހާރު ދަނީ ކުރިއަށެވެ.

މިއަހަރުގެ އޮކްޓީބަރ މަހުގެ ނިޔަލަށް މި މަޝްރޫޢުގެ މަސައްކަތް ނިމިގެންދިއުމާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވެގެންދާނީ ވެގެންދާނީ ދެކުނު އޭޝިޔާގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއް އެއަރޕޯޓަށެވެ. 78ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރެވޭނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓަރމިނަލްގައި ހުންނާނެއެވެ. އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެއެވެ.