ޚަބަރު

އައިޕީޔޫގެ އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލުކުރާ 3 މަޤާމަކަށް މަޖިލީހުގެ 3 މެންބަރުން


  • ގައްދޫ ދާއިރާގެ މެންބަރު އިންތިޚާބުވެވަޑައިގަތީ ވޯކިން ގްރޫޕް އޮން ސައިންސް އެންޑް ޓެކްނޮލިޖީއަށް

  • ހުރާ ދާއިރާގެ މެންބަރު އިންތިޚާބުވެވަޑައިގަތީ ބިއުރޯ އޮފް ވިމެން ޕާލަމަންޓޭރިއަންސްއަށް

  • ނިލަންދޫ ދާއިރާގެ މެންބަރު އިންތިޚާބުވެވަޑައިގަތީ ސްޓޭޑިންގ ކޮމެޓީ އޮން ޕީސް އެންޑް އިންޓަރނޭޝަނަލް ސެކިއުރޓީއަށް

އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން، އައިޕީޔޫގެ މުހިންމު 3 މަޤާމަކަށް ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރަކު އިންތިޚާބުވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މި 3 މެންބަރުން އައިޕީޔޫގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގަތީ އުޒްބަކިސްތާނުގައި ކުރިއަށްދިޔަ އައިޕީޔޫގެ 150 ވަނަ އެސެމްބްލީގެ ތެރެއިންކަމަށެވެ.

އައިޕީޔޫގެ 150 ވަނަ އެސެމްބްލީގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އިންތިޚާބުކޮށްފައިވަނީ ބިއުރޯ އޮފް ވިމެން ޕާލަމަންޓޭރިއަންސްއަށެވެ. ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ އިންތިޚާބުކޮށްފައިވަނީ ވޯކިން ގްރޫޕް އޮން ސައިންސް އެންޑް ޓެކްނޮލިޖީއަށެވެ. އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އިންތިޚާބުކޮށްފައިވަނީ ސްޓޭޑިންގ ކޮމެޓީ އޮން ޕީސް އެންޑް އިންޓަރނޭޝަނަލް ސެކިއުރޓީއަށެވެ.

މި މަޤާމުތަކަށް މި 3 މެންބަރުންވެސް އިންތިޚާބުވެވަޑައިގެންފައި ވަނީ ދިވެހިރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ގްރޫޕް ތަމްޞީލުކުރުމަށެވެ. މީގެކުރިންވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އައިޕީޔޫގެ އެކި މަޤާމުތައް އަދާކުރައްވާފައެވެ.

އައިޕީޔޫގެ 150 ވަނަ އެސެމްބްލީ އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންޓުގައި ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 5 އިން 9 އަކަށެވެ. މިއަހަރުގެ ބައްދަލުވުމުގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ފަރާތުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهގެ އިތުރުން 5 މެންބަރަކު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިންޓަރ ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) އަކީ މިނިވަން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. 1989 ވަނަ އަހަރު އުފެއްދި މި ޖަމްޢިއްޔާގައި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިސް ބައިވެރިވެފައިވަނީ 2005 ވަނަ އަހަރުގައެވެ.