ޚަބަރު

ދޮށީގެ މަސްވެރިކަމަށް ޚާއްޞަ އިތުރު ދެ ކަނދުފަތި ދެ ސަރަހައްދެއްގައި އަޅައިފި


  • ކަނދުފަތިތައް އަޅައިފައިވަނީ ކ އަތޮޅާއި ނ އަތޮޅުގައި

  • ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރެއްވުމުގެ މަސައްކަތްވެސް ދަނީ ކުރަމުން

ރާއްޖޭގެ އިތުރު 2 ސަރަހައްދެއްގައި ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފަތި އަޅައިފިއެވެ. މި ކަނދުފަތިތައް އަޅައިފައިވަނީ ކ އަތޮޅާއި ނ އަތޮޅުގައެވެ.

ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެއް ދިމާލަކަށް މަސްޖަމާވާ ގޮތަށް ކަނޑަށް ފައްތާފައި އޮންނަ ބޮއެކެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން އެންމެފަހުން ކަނދުފަތި އަޅައިފައިވަނީ ނ. މާފަރުގެ އިރުން 9.5 މޭލު ބޭރުންނާއި، ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އަޅާފައިވާ ކޮންމެ ކަނދުފައްޗަކަށްވެސް ޚާއްސަ ނަންބަރެއް ދީފައިވެއެވެ.

ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރެއްވުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރިއަށްގެންދަވަމުންނެވެ.

ކަނދުފަތިތަކަކީ އޮއެވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، މަސް ކަނދުފަތީގެ ގާތަށް މަސް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެގެންދެއެވެ.

ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ރާއްޖޭގައި މިވަގުތު އަޅާފައިވަނީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ކަނދުފައްޗެވެ.

ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.