ޚަބަރު

މިއަހަރުގެ އޯލެވެލް އިމްތިހާނުގައި 8000އަށް ވުރެ ގިނަ ދަރިވަރުން


  • އިމްތިހާނު 260 ސެންޓަރެއްގައި ކުރިއަށްދޭ

  • އޯލެވެލް އިމްތިހާނު ނިމޭނީ ޖޫން މަހުގެ 11 ވަނަ ދުވަހު

މިއަހަރުގެ އޯލެވެލް އިމްތިހާނުގައި 8300އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާކަމަށް ތަޢުލީމީ ވުޒާރައިން ވިދާޅުވެއްޖެއެވެ. މިދިޔަ ހޯމަ ދުވަހު ފެށި ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު އޯލެވެލް އިމްތިހާނުވެސް ވަނީ ފަށާފައެވެ.

ތަޢުލީމީ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް ހިއްސާކޮށްފައިވާ ތަފާސް ހިސާބުގައި މިދިޔަ ހޯމަ ދުވަހު ފެށި އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8362 ދަރިވަރަކު ބައިވެރިވިއެވެ. މިފަހަރުގެ އިމްތިހާނު 260 ސެންޓަރެއްގައި ކުރިއަށްދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ އެސްއެސްސީ އިމްތިހާނުގައި 7519 ދަރިވަރަކު ބައިވެރިވާކަމަށެވެ. އަދި ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި 7666 ދަރިވަރުން ބައިވެރިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނު ނިމޭނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ސަރުކާރުން ގެންނަވާފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިހާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.

މޮކް އިމްތިހާނުން ފާސްނުވިނަމަވެސް، އޯލެވެލްގައި އެ އިމްތިހާނުތަކުގައި ބައިވެރިވުން ކޮންމެ ދަރިވަރަކަށްވެސް މަޖުބޫރެވެ. އިމްތިހާނުގައި ބައިވެރިވާ ފައިސާ ދައްކާނީ ސަރުކާރުންނެވެ. ކުރިން އުސޫލު އޮތްގޮތުން، މަޖުބޫރު މާއްދާއިން މޮކް އިމްތިހާނުގައި ފާސް ނުވެއްޖެނަމަ، އެ ދަރިވަރަކު އަމިއްލައަށް ފައިސާ ދައްކައިގެން އިމްތިހާނުގައި ބައިވެރިވާން ޖެހޭނެއެވެ.

ސަރުކާރުން ގެނައި މިބަދަލަކީ ވީހާވެސް ގިނަ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދީ، ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރު އެޅުމަށް ގެނައި ބަދަލެވެކެވެ.

މަޖުބޫރު ހަތަރު މާއްދާ ހިމެނޭހެން ޖުމްލަ 5 މާއްދާގައި ދަރިވަރުން ބައިވެރިވާން ޖެހޭނެކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މަޖުބޫރު މާއްދާގެ އިތުރުން، ބީޓެކް ދަރިވަރުންގެ އިތުރު އެއް މާއްދާ ކިޔަވަންޖެހެއެވެ.