ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ގާއިމުކުރާ ބައިނަލްއަގުވާމީ ސްވިމިން ޕޫލް ވެގެންދާނީ ދުނިޔޭގެ ފެންވަރުގެ ފެތުމުގެ މުބާރާތްތައް ބޭއްވޭ ތަނަކަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އައު ސްވިމިން ޕޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މި މަސައްކަތް ފެށިގެން ދިޔަގޮތަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ މަގާމާ ހަވާލުވެ ފުރަތަމަ ހަފުތާގެ ތެރޭގައި މަސައްކަތް ފެއްޓުމައްޓަކައި އެކި އިދާރާތަކާ މަޝްވަރާ ކުރެއްވި ކަމަށެވެ.
"އޭގެތެރޭގައި އެޗްޑީސީއާވެސް ވާހަކަދެކެވިގެން އަދި މިތާނގައި ކުރީގަ އޮތް ކުންފުނީގެ ހެވީ ވެހިކަލްތަކާއި، ސައިޓެއްގެ ގޮތުގައި އޮތީ. އެހެން އޮއްވައި މިތަން އެއްކޮށް ކްލިއާކޮށް މިހާރު މި މަސައްކަތް ކުރައްވާ ފަރާތްޕުޅާ ސައިޓް ހަވާލު ކުރެވުނީ." ރާފިޢު ވިދާޅުވިއެވެ.
މިހާ ހިސާބަށް މި މަސައްކަތް ދިޔުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ފާއިތުވެގެންދިޔަ އެއް އަހަރަށް ބަލާއިރު މިހާރު މަސައްކަތައް ބާރަށް ކުރިއަށްދާ ކަމަށާއި، ލަސްތަކެއް ނުވެ ޕޫލްގެ ބޮޑު ބައެއް ނިމިގެންދާތަން ފެނިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
"މިހާރު މިވަނީ ޕޫލް އެތުރުމަށް ބޭނުންވާ ސާމާނު ސައިޓަށް ގެނެވިފައި. އިރާދަކުރެއްވިޔާމުން މި ހަފުތާގެ ތެރޭގެ ބޭސްވެސް އެޅިގެންދާނެ ޕޫލް އިމާރާތުގައި." ރާފިޢު ވިދާޅުވިއެވެ.
މިއީ 1500 މީހުން އެއްފަހަރާ ބޭނުން ކުރެވޭ ގޮތައް ފަރުމާކުރަމުން އަންނަ ސްވިމިން ޕޫލެކެވެ. ފެތުމުގެ ތަމްރީންތަކަށް ބޭނުންވާ ވަސީލަތްތަކާއެކު އެ ތަން ފަރުމާ ކުރެވިގެންދާއިރު، ހައިޖަމްޕް ފެސިލެޓީއެއްވެސް ހިމެނިގެންދާނެއެވެ.