އުރީދޫ މޯލްޑިވްސްގެ 20ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނިން "ލިވް އަންލިމިޓެޑް"ގެ ނަމުގައި ޚާއްޞަ ކެމްޕެއިނެއް އިފްތިތާހްކޮށްފިއެވެ. މިކެމްޕޭނަކީ އަހަރުދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށް އުރީދޫ މޯލްޑިވްސްއިން ވިދާޅުވެއެވެ.
މިކެމްޕެއިނާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، "ލިވް އަންލިމިޓެޑް ވިތު އުރީދޫ" ކެމްޕެއިންގެ ދަށުން ނެޓްފްލިކްސްގައި އެންމެ މަގުބޫލު ޝޯތައް ސްޓްރީމްކުރުމުގެ އިތުރުން ގޭމްކުޅުމާއި، ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަންކުރުމަށް އަންލިމިޓެޑް ޑޭޓާ ލިބޭނެކަމަށެވެ.
"އުރީދޫގެ ލިވް އަންލިމިޓެޑަކީ ހަމައެކަނި ޝިޢާރެއް ނޫން. އެއީ ކަސްޓަމަރުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ކުރާ ވަޢުދެއް. ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ތިބެގެންވެސް، އާއިލާއާއި ރައްޓެހިންނާ ގުޅުން ބޭއްވުމާއި، މަޖާ ޓީވީ ޝޯތައް ބެލުމާއި، އައު ގޭމްތައް ކުޅުމާއި، އަދި ކިޔެވުމާއި މަސައްކަތްކުރުމަށް ފަސޭހަ ވެގެން ދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް މޯލްޑިވްސްގައި، ދިރިއުޅުން ފުރިހަމައަށް، މިނިވަންކަމާއެކު، އަދި އެއްވެސް ހުރަހެއްނެތި އުޅެވޭނެ މަގު ތަނަވަސްކަށްދިނުން." އުރީދޫގެ ސީސީއޯ ވިދާޅުވިއެވެ.
އުރީދޫއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ މިކެމްޕެއިންގެ ތެރެއިން ކޮންމެ 20 ދުވަހަކުން 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އުރީދޫގެ ސީސީއޯ ވިދާޅުވިއެވެ. މީގެ އިތުރުން 2 މީހަކަށް ޙައްޖު ދަތުރެއްދިނުމަށްވެސްވަނީ ހަމަޖެހިފައެވެ. މިފަރާތްތައް ހޮވާނީ އުރީދޫ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުންކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިކެމްޕެއިންގެ ދަށުން އެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާއަށް އުރީދޫ އީސިމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެޕަލް ވޮޗް ސެލިއުލާ ސަރވިސްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މިއީ އުރީދޫން ރާއްޖޭގައި މިޚިދުމަތެއް ދޭ ފުރަތަމަ ފަހަރުކަމަށާއި، އަދި އުރީދޫ ގުރޫޕުގެ ފަރާތުން މި ޚިދުމަތް ފޯރުކޮށްދެވޭ 3 ވަނަ ގައުމުކަމަށް ނިޔާޒް ވިދާޅުވިއެވެ. މިޚިދުމަތް އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ހަމަސް ދުވަހަށް ހިލޭ ލިބޭނެކަމަށާއި އެއަށްފަހު ޚިދުމަތް ލިބޭނީ މަހަކު 199 ރުފިޔާގެ ފީއެއް ދެއްކުމުންކަމަށް ނިޔާޒް ވިދާޅުވިއެވެ.
އަދި ސުޕަނެޓް ކަނެކްޝަންތަކާއެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ދަށުން، ސެކިއުރިޓީ ކެމެރާއަކާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް މިހާރު ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޕްރޮޑަކްޓްތައް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.