މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ .މާލޭގެ ޢިއްޒުއްދިން ފާލަން ހިމެނޭ ބޭރު މަގުގެ އުތުރުފަރާތު މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭނު ހިމެނޭހެން އެންމެޒަމާނީ ފެންވަރަށް މިއަހަރު ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިއަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144.5 މިލިޔަން ރުފިޔާއަށެވެ.
މި މަޝްރޫޢުގައި ތަރައްޤީކުރުމަށް ހަމެޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދުގައި ތާރުއަޅައިގެންނެވެ. މި މަޝްރޫޢުގެ ދަށުން މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރަށް ރޯޑް މާރކިން އަދި ސައިން ބޯޓް ހަރުކުރުންވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެއެވެ.
މިކަމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ އެ މަޝްރޫއަކީ މާލޭ ނޯތު ހާބަރާ ހަމައަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށާއި ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ލޯކަލް މާރުކޭޓާ ހަމައަށްކަމަށެވެ. ބޮޑު ތަކުރުފާނު މަގު އެ ސަރަހައްދަކީ ބާރު ބޮޑު ސަރަހެއްދެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކަމާ ބެހޭ ފަރާތްތަކާއެކު ރަނގަޅު ޕްލޭންތަކާއެކުގައިކަމަށެވެ.
"މަގުތަރައްޤީކޮށް ފުޅާ ކުރާނީ އެ ސަރަޙައްދުގެ ޓްރެފިކްއަށްވެސް ފަސޭހަވާނެ ގޮތަށް. މަގު ހަދާއިރު އާންމުންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވިނަމަވެސް މިކަން ކުރުމަކީ އެންމެން ގުޅިގެން ވާނެކަމެއް." އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ ވަނީ އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ތާރީޚާށް ވުރެ ކުރިން ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. ސަޢުދީ ވަނީ އެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.
" ދޮޅު އަހަރަށް ވުރެ ކުރިން މަސައްކަތް ނިންމޭތޯ މަސައްކަތް ކުރާނަން. ބާރު ބޮޑު ސަރަހައްދެއްވުމުން މަގުމައްޗާއި ފަޅުތެރޭގެ ކަންކަން މެނޭޖް ކޮށްގެން މަސައްކަތް ކުރިއަށްގެންދިޔުމަށް ސަމާލުކަން ދޭނަން."އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ ވިދާޅުވިއެވެ.
މިދިޔަ ފެބްރުއާރީ މަހުގެ 27 ވަނަ ދުވަހު ރަސްމީ ފާލަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ. ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއްޒުއްދިން ފާލަން ހިމެނޭ ސަރަހައްދުގެ މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭނު ހިމެނޭހެން އެންމެޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންކަމަށާއި، އެ ސަރަޙައްދު ތަރައްޤީކުރާނީ މޫދުން ބައެއް ހިމެނޭހެން މަގު ފުޅާކުރުމަށްފަހުކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މާލޭގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ވަކި މަސައްކަތެއްގެގޮތުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނީ ޗައިނާ ސަރުކާރުގެ ހިލޭއެހީގައެވެ. އެގޮތުން މިއަހަރު އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ވަނީ ކޮށްފައެވެ.
މާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން އެމްޓީސީސީ ހެންވޭރު ފެރީ ޓަރމިނަލްއާއި ހަމައަށް ވަނީ ތާރު އަޅާފައެވެ. އެ މަސައްކަތް ކޮށްފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާ ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރުއެވެ.